ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފިއެވެ.

ކުރިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން އޮތީ ބަންގްލަދޭޝްގައި ނަމަވެސް އެގައުމުގެ ކޮވިޑް 19ގެ ހާލަތާއި، އެހެނިހެން ކަންކަމަށް ބަލައި، މުބާރާތް އެގައުމުގެ ހޯސްޓް ނުކުރެވޭނެ ކަމަށް މިހާރު ވަނީ އަންގާފައެވެ. އެގައުމުން ސާފްގެ ސެކްރެޓަރީ ޖެނެރަލް އަންވަރު ހޭގު ހެލާލްއަށް އަންގާފައި ވަނީ ކޮވިޑް 19ގެ ސަބަބުން ބަންގްލަދޭޝްގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ސާފުން ވަނީ ހޯސްޓް ގައުމެއް ހޯދަން މަސައްކަތް ފަށައިފައެވެ.

ބަންގްލަދޭޝްގައި ސާފް ބޭއްވޭނެ ގޮތެއް ނުވުމުން މި މަހު 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލިއެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.

މިދިޔަ މަހުގެ ނިޔަލަށް ރަސްމީކޮށް ބިޑްކުރުމުގެ މުއްދަތު ހަމަވާއިރު، ރާއްޖޭން އިއްޔެ ވަނީ ބިޑްކޮށްފައެވެ. ރާއްޖޭން އެންމެ ފުރަތަމަ މުބާރާތް ހޯސްޓްކުރަން ވިސްނީ ސްރީލަންކާއާ ގުޅިގެން ނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލައި ރާއްޖެ އެކަނި ހިމެނޭ ގޮތަށް ބިޑްކުރީއެވެ.

ބިޑާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާފް ބޭއްވުމަށް ރަސްމީކޮށް ބިޑްކޮށްފައިވާ ކަމަށާއި ބައިނަލްއަގުވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން ކުރެވޭ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލެއްވުން ފާހަަގަކުރައްވާ ކަމަށެވެ.