ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގައި އުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ އެ ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު ވެކްސިން ޖެހުން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވަން އޮންލައިންއަށް މިއަދު ވިދާޅުވީ، އެންމެނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރީންވެސް އިއުލާނު ކޮށްފައިވާ ގޮތަށް މިއަދު ފަށާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ޝޫބާ ވަން އޮންލައިން އަށް މިއަދު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މާލޭ ސަރަހައްދުގެ ހަ ސެންޓަރުގައި މިއަދު ފެށިގެން ކުރިއަށްދާ ކަމަށެވެ. ހަމައެކަނި އޮޅުން ނުފިލާ އޮތީ ހުޅުމާލޭގެ ވެކްސިން ސެންޓަރަށް ރެޖިސްޓްރީ ކުރާ މީހުންގެ މައްސަލަ ކަމަށާއި އެކަންވެސް ހައްލުވެ އެމީހުންނަށް ވެކްސިން ޖަހާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ހަމައެކަނި ކޮންފިއުޝަން އުފެދުނީ ހުޅުމާލެ ވެކްސިން ސެންޓަރަށް ރަޖިސްޓްރީ ކުރާ މީހުންނާ މެދު، ނަމަވެސް މިހާރު އެ މައްސަލަވެސް ހައްލު ވެ، އެކަން އާންމުންނަށް އަންގައި، ޓުވީޓް ކޮށް ވައިބަރު ގްރޫޕަށް ވެސް ވަނީ ލައިފަ، އެހެންވީމާ ހުޅުމާލެ ވެކްސިން ސެންޓަރަށް ރަޖިސްޓްރީ ކުރާ މީހުން ވެކްސިން ޖަހަން ދާން ޖެހޭނީ ހުޅުމާލެ ހޮސްޕިޓަލަށް،" ޝޫބާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލާފައިވާއިރު، އެޗްޕީއޭ އިން ބުނީ، ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމެންޓް ނެގޭނެ ކަމަށެވެ. އަދި އެ މީހަކު ވެކްސިން ޖަހަން ބޭނުންވާ ދުވަހުގެ އިތުރުން ގަޑި ވެސް އަމިއްލައަށް އިހުތިޔާރު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕޮއިންޓްމެންޓް ހަމަޖެހުމުން ފޯނަށް އެސްއެމްއެސްއެއް ލިބޭއިރު، ވެކްސިން ސެންޓަރަށް އެ އެސްއެމްއެސް ދައްކަން ޖެހޭނެ އެވެ. އަދި ގަޑިޖެހުމުގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ އެޕޮއިންޓްމެންޓް ކެންސަލް ކުރާނެ އެވެ. އަދި އަލުން އެހުން ދުވަހަކަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ކުރިއާލައި ކިޔުގައި ނުތިބުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.

ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ އޯގަސްޓު މަސް ނިމުމުގެ ކުރީން ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ 90 ޕަސެންޓު މީހުންގެ ގަޔަށް ވެކްސިން ޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.