ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންދީ ނިންމާލުމުގެ ބޮޑު ޕްރޮގްރާމެއް މާދަމާ މާލޭ ސަރަހައްދުގައި ފަށާއިރު ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މާލޭގެ ހަ ސެންޓަރެއްގައި އެޕޮއިންޓަމަންޓް އުސޫލުން މާދަމާ ވެކްސިން ޖަހަން ފަށާ އިރު، އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމާލުމެވެ.

ވެކްސިން ޕްރޮގްރާމް މާދަމާ މާލޭ ސަރަހައްދުގައި ފަށާއިރު ވެކްސިން ޖެހުމަށް ސަރުކާރުގެ މިނިސްޓަރުންނާއި އިސް ބައެއް ބޭފުޅުން ވަނީ ބާރު އަޅުއްވައިފައެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވަނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ، ބޭނުން ގަޑިއަކަށް އެޕޮއިންޓްމަންޓް ބުކް ކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކޮވިޑް ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހިވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ ދިވެހިންގެ ނަސީބު ކަމަށާއި އެހެންކަމުން ވެކްސިން ޖެހުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއަކީ މުޅި އާބާދީއަށް ޖެހޭ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި މުޅި އާބާދީއަށް ވެކްސިން ޖެހުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ވެކްސިން ޖެހުމުގެ މުހިންމުކަން ބަޔާންކޮށް ވެކްސިން އަވަހަށް ޖެހުމަށް އިލްތިމާސްކުރައްވައިފައެވެ. އޭގެ އިތުރުން ވެކްސިން ޖެހުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ބާރުއަޅުއްވައިފައެވެ.