ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ފެށި ހަރަކާތާ ގުޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއެއްގެ ލީޑަރުންނަށް ދައުވަތު އަރުވައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅުން މިރޭ ފެށި ހަރަކާތް އިފްތިތާހުކޮށްދެއްވައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމު މިނިވަންކުރުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ.

ގައުމު މިނިވަންކުރުމަށް އިދިކޮޅުން އިސްވެ ފެށި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރައްވާ ލީޑަރުންނަށް އަދުރޭ ވަނީ ދައުވަތު އަރުވައިފައެވެ.

"އަޅުގަނޑު މިއަދު، ރައީސް ޔާމީންގެ އިޒުނަފުޅާއެކީގައި މި މަސައްކަތުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާ ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވަން. ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އަޅުގަނޑު ދައުވަތު އަރުވަމޭ މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫނަށްވެސް. އަދި ހަމަ މި މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނަށްވެސް،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅާ ގުޅުމަށް ރައީސް މައުމޫނާއި ޝައިހް އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)ގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ ކާނަލް ރިޓަޔާޑް މެންބަރު މުހައްމަދު ނާޒިމަށްވެސް އަދުރޭ ވަނީ ދައުވަތު އަރުވައިފައެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ހަރަކާތާ ގުޅެން ބޭނުންވާ ފަރާތްތައް ނަން ނޯޓުކުރުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ލީޑަރުންނަށް އިދިކޮޅާއެކު މަސައްކަތް ކުރަން ދައުވަތު ދީފައިވާ އިރު، އެމްޑީޕީ އަދި ރައީސް މުހައްމަދު ނަޝީދާއެކުގައި ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.