ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ދައުރު މައިންބަފައިންނަށް އަދާކުރެވޭނީ މައިންބަފައިންގެ ޝަހުސިއްޔަތު އެކުދިންގެ ކުރިމަތީގައި ހަރުދަނާވެގެން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ދަރިންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ދަރިން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، އެކުދިން މައިންބަފައިންގެ މައްޗަށް އަމުރުކުރަން ފަށާ ތަން އޮންނާނީ ދާދި ކައިރީގައި ކަމަށާއި މިކަން މިއަދު ފެންނަމުންދާ ކަމަށެވެ.
"ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ދައުރު މައިންބަފައިންނަށް އަދާކުރެވޭނީ މައިންބަފައިންގެ ޝަހުސިއްޔަތު އެކުދިންގެ ކުރިމަތީގައި ހަރުދަނާވެގެންނެވެ. މި ހަރުދަނާކަމުގެ ބިންގަލަކީ އިހުލާސްތެރިކަމާއި ތަގުވާވެރިކަމެވެ. ހިކުމަތްތެރިކަމާއި އިލްމާއި ހުނަރުވެރިކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ތަރުބިއްޔަތު ފެށޭ ދަރުސްގާހަކީ، މައިންބަފައިންގެ އުނގު ކަމަށާއި ދަރިންގެ އުމުރުގެ އެންމެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެ ކަމަށެވެ. އަދި އެކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފީނާ ފަދަ ކަންތައްތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި ކެނޑިނޭޅި ﷲ އަށް ދުއާ ދެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
"މައިންބަފައިންގެ ހެޔޮ ދުއާތަކުގެ ނަތީޖާއަކަށް ވަނީ ﷲ ތައާލާގެ ހަޟްރަތުން ދަރީންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގުފަހިވެގެން ދިއުމެވެ. އަދި އެކުދިންނަށް އަމާންކަމާއި ބާއްޖަވެރިކަމުގެ އިހުސާސްކުރެވި، އަމިއްލަ ނަފުސާ މެދު އޮންނަ އިތުބާރު ބޮޑުވެ، ނަފުސާނީ ދުޅަހެޔޮކަން މަތީގައި ބޮޑުވުމަށް މަގުފަހިވުމެވެ. މިއާ ހިލާފަށް ދަރިން މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަހުރޫމުވަމުން ދާނަމަ، އެކުދިންގެ ހިތުގައި ކަންބޮޑުވުމާއި، ނަމާންކަމާއި، ބިރުވެރިކަން އުފެދި، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަން ޖެހޭ މުގައްދަސް ގުޅުމަށް ހީނަރުކަން އައުން އޮންނާނީ ދާދި ކައިރީގައެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ، ނޭދެވޭ ސުލޫކުތަކަށް މަގުފަހިވެ، ތަރުބިއްޔަތުގެ ބިންގަލަށް ލޮޅުން އެރުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އަދާކުރަން ޖެހޭ އަނެއް ދައުރަކީ އާއިލީ ގުޅުން ބަދަހިކުރުމުގެ ދައުރު ކަމަށާއި މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ، އާއިލާ ބާއްޖަވެރިވާނެ ކަމަށެވެ. އަދި މި ގުޅުން ބަދަހިވުން ބިނާވާނީ މައިންބަފައިންނާއި ދަރިންނާ ދެމެދު ކުރެވޭ މުއާމަލާތުގައި ހުންނަ ހަރުދަނާ ކަމެއްގެ މައްޗަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު