މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރާއިރު، ކުރީގެ އަދި ޑިޖިޓަލް ނޫން ސިސްޓަމެއް ބޭނުން ނުކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ އެ މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ގައި އެ ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މީޓަރު ޕާކިން ސިސްޓަމްގެ ބަދަލުގައި އެޕްލިކޭޝަންތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިކަން ކުރެވެން އޮތް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާކިން ސިސްޓަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި އަދި ތަފާތު ހިޔާލުތައް ހިއްސާކުރި އެންމެންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޒަމާނަށް ނުފެތޭ އަދި ޑިޖިޓަލް ނޫން އެއްވެސް ކަމެއް ތައާރަފު ނުކުރާނެ ކަމަށެވެ. އަދި ހުރިހާ ޕްރޮގްރާމަކާއި ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދާނީ އެ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް މާލެ" ހާސިލުވާނެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކުކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް ބަހައްޓާފައި ހުންނަ މެޝިނެކެވެ. މި ހިދުމަތަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ ހިދުމަތެކެވެ.
މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދޭން ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން 211 ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމުގެ ފުރުސަތުވެސް މި ފަހުން ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު