އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑުގެ ތިން ވަނަ ޑޯޒެއް ދިނުމަށް އިސްރާއިލުން ވިސްނަމުން އެބަދެއެވެ.

އިސްރާއީލުގެ ހެލްތު މިނިސްޓްރީގެ ކޮރޯނާވައިރަސް އާ ބެހޭ ކޮމެޓީން ވަނީ ބަލީގެ ސަބަބުން ބޮޑުވަރުވެގެންދާނެ ކަމަށް ބެލެވޭ ދޮށީ އުމުރުގެ މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ފެންނަ ކަމަށް ރޭ ކުރިއަށްދިޔަ އެ ކޮމެޓީގެ ބައްދަލުވުމުން ނިންމައިފަ އެވެ.

ކޮމިޓީގެ ގިނަ މެންބަރުން ބައިވެރިވެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ފައިޒާގެ ތިން ވަނަ ޑޯޒެއް ދިނުމަށް ފެންނަ ކަމަށް ގިނަ މެންބަރުން ވޯޓު ދީ މިއީ އެންމެ ރަނގަޅު ނިންމުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަދި ފައިޒާގެ ތިން ވަނަ ޑޯޒެއް ދިނުން ހުއްދަކޮށްފައެއް ނުވެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވަނީ އުމުރުން ދުވަސް ވީ މީހުން ބަލަހައްޓާ ފެސިލިޓީއަކަށް މިދިޔަ ހަފުތާގައި ޒިޔާރަތްކުރައްވައިފަ އެވެ. އަދި މި ގޮތަށް ކަންތައް ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ނަފްތަލީގެ މި ޒިޔާރަތުގައި ވަނީ ކުރައްވައިފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ތިންވަނަ ޑޯޒު ދޭން ކަނޑައަޅާނެ އުމުރާ މެދު ހިޔާލުތަފާތުވެގެން ގޮސްފައިވެ އެވެ. އެގޮތުން އުމުރު ކަނޑައަޅާނީ 60 އަހަރުން މަތީގެ މީހުންނަށްތޯ ނުވަތަ 70 އަހަރުން މަތީގެ މީހުންނަށްތޯ އާއިމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިކަމުގައި ގޮތެއް ނިންމުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ނެޝްމަން އޭޝް އާއި މިހާރު ވަނީ ހަވާލުކޮށްފަ އެވެ.