އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ފަހު ބުރަށް ތައްޔާރުވަމުން އަންނަ ކްލަބު އީގަލްސްއިން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް ކްލަބު ޕްރެކްޓިހަށް ނެރެފިއެވެ.

އީގަލްސްއިން އޭއެފްސީ ކަޕް ގްރޫޕް ޑީގެ ކޮލިފިކޭޝަން ފަހު މެޗުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ރާއްޖޭގައި ނުކުންނާނީ އަންނަ މަހު 15 ވަނަ ދުވަހުއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެއެވެ. އެ ގްރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގައެވެ.

ކޮލިފިކޭޝަން ފަހު މެޗަށް ޓީމު ވަރުގަދަ ކުރުމަށް އީގަލްސްއިން އަންނަނީ ގިނަ ކުޅުންތެރީންތަކެއް ވަގުތީ ގޮތުން ޓީމަށް ގެންދަމުންނެވެ. މިއީ ރާއްޖޭގެ އޮފް ސީޒަން ކަމަށްވާއިރު، އަންނަ ސީޒަން ފެށެން ވާއިރަށް މިހާރު އީގަލްސްއަށް ދާ ކުޅުންތެރިންނަށް އަނބުރާ ބޭނުން ކްލަބަކަށް ދެވޭނެއެވެ.

އީގަލްސްގެ ޕްރެކްޓިހުގައި އަކޫ އާއި ފައިސަލް ބައިވެރިވިއިރު، މީގެ ކުރިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ އީގަލްސް ޕްރެކްޓިހާ ގުޅިފައެވެ. އޭގެ ކުރިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މިދިޔަ ސީޒަނުގައި ފެނުނު އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ. އަދި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ވެސް ވަނީ އީގަލްސް ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.

މިއީ އަކޫ، 34، އީގަލްސް ޖޯޒީގައި ފެންނަ ފުރަތަމަ ފަހަރެވެ. އޭނާ މީގެ ކުރިން ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، މާޒިޔާ، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ވަނީ މީގެ ކުރިން ވެސް އީގަލްސް އަށް ކުޅެފަ އެވެ. އޭނާ އީގަލްސް އަށް ކުޅުނީ 2014 ވަނަ އަހަރު އެވެ. ފައިސަލް ދެން ކުޅުނު ކްލަބްތަކަކީ ވިކްޓްރީ، ނިއު ރޭޑިއަންޓް، އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)، ވެލެންސިއާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަށެވެ.