ޔުވެންޓަސް

"ޔުވެންޓަސްއަށް ދިޔައީ ރެއާލްއަށް ނޫނެކޭ ބުނުމަށްފަހު"

ޔުވެންޓަސްއަށް ދިޔައީ ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެފައި ކަމަށް މެކްސް އެލެގްރީ ބުނެފިއެވެ.

ކުރިންވެސް ޔުވެންޓަސްއަށް ކޯޗުކަން ކޮށްދިން އެލެގްރީ އަލުން މި ސީޒަނަށް އެ ކްލަބާ ހަވާލުވީ މިދިޔަ ސީޒަންގައި ކޯޗުކަން ކޮށްދިން އަންދްރޭއާ ޕިރްލޯ އެ މަގާމުން ވަކިކުރުމުންނެވެ. ކުރިން ކްލަބަށް ކޯޗުކަން ކޮށްދިނުމަށްފަހު އަލެގްރީ އެ ކްލަބުން ވަކިވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ޓީމަކާ ހަވާލެއް ނުވެއެވެ. ކުރިން އޭސީ މިލާނަށް ވެސް ކޯޗު ކޮށްދިން އަލެގްރީ އަށް ކޯޗިން ވަޒީފާއެއް ނެތި ހޭދަކުރި މި ދެ އަހަރު ގިނަ ޓީމުތަކެއްގެ ހުށަހެޅުން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޗެލްސީ އާއި އާސެނަލް އަދި ރެއާލް މެޑްރިޑް ހިމެނެއެވެ.

ކުރިން ފަސް އަހަރު ޔުވެންޓަސްގެ ކޯޗުކަން ކުރި އިރު، އަލެގްރީ ވަނީ އެ ޓީމާއެކު އެގާރަ ތަށި އުފުލާލައިފައެވެ. އޭގެ ތެެރެއިން ފަސް ތައްޓަކީ އިޓާލިއަން ލީގެވެ. އަލެގްރީގެ ކޯޗުކަމުގައި ޔުވެންޓަސް ވަނީ ދެ ފަަަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފައެވެ. އެއީ 2015 އާއި 2017 ވަނަ އަހަރުއެވެ.

އަލެގްރީއަށް ރެއާލްއިން ހުށަހެޅީ ކޯޗު ޒައިނައްދީން ޒިދާން ކްލަބު ދޫކޮށްލުމުން އެތަން ފޫބެއްދުމަށެވެ. އަލެގްރީ ނުލިބުމުން ރެއާލްއިން ކްލަބަށް ގެންދިޔައީ އެވަޓަންއަށް ކޯޗުކަން ކޮށްދެމުން ދިޔަ ކާލޯ އެންސެލޯޓީއެވެ.

"ރެއާލްގެ ރައީސަށް އަހަރެން ޝުކުރު އަދާކުރަން ޖެހޭ އޭނާ ދިން ފުރުސަތަށް. އަހަރެން ޔުވެންޓަސްއަށް ދިޔައީ ރެއާލްއަށް ނޫނެކޭ ބުނެފައި. ޔުވެންޓަސްއަށް ދާން އިހުތިޔާރު ކުރީ ކްލަބަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން. އަދި އަހަރެން ގަބޫލުކުރަން ޔުވެންޓަސްގައި މިހާރު އޮތް ޒުވާން ޓީމަށް ކަންތައްތަކެއް ހާސިލުކުރޭވެނެ ކަމަށް. މިއީ ވަރަށް ބޮޑު ތަޖުރިބާއަކަށްވާނެ. މިއީ ވަރަށް ޝައުގުވެރިކުރުވަނިވި މަސައްކަތަކަށްވެސް ވާނެ،" އަލެގްރީ ބުނެފައިވެއެވެ.

އަލެގްރީ ބުނެފައި ވަނީ ގިނަ ކްލަބުތަކަކުން އޮފާތައް އައިސްފައިވީ ނަމަވެސް އޭނާއަށް ހިތުން ރުހުމުގައި ދާން އޮތީ ޔުވެންޓަސް އެކަނި ކަމަށެވެ. އެހެންކަމުން އެއްދުވަހަކު ހެނދުނު ހޭލައި، ޔުވެންޓަސްގެ ވެރިޔާ އަންދްރޭ އަގްނޭލީއާ ބައްދުލުން ރޭވީ އަމިއްލައަށް ގުޅައިގެން ކަމަށްވެސް އަލެގްރީ ބުނެފައިވެއެވެ.

އަލެގްރީ ބުނެފައިވަނީ މިހާރު މިއޮތް ޔުވެންޓަސްގެ ޒުވާން، އުންމީދީ ޓީމާއެކު މަސައްކަތް ކުރުން ވެގެންދާނީ އެނާއަށް މުހިއްމު ފުރުސަތަކަށް ކަމަށެވެ. އަދި މީގެ ކުރިން ކްލަބާއެކު ހާސިލުކުރެވުނު ކާމިޔާބީގެ އިތުރަށްވެސް ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.