ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ކުރިއާލައި ކިއުގައި ނުތިބުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމިއުނިޒޭޝަން ޕްރޮގްރާމު މެނޭޖަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާ އިރު، ދުރާލައި ކިޔޫ ހަދައިގެން ނުތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ނާޝިޔާ ވިދާޅުވީ ކިޔޫ ހަދައިގެން ވެކްސިން ޖެހުން ދަތިވާތީ އެމީހަކަށް ފަސޭހަ ގަޑިއަކަށް އެޕޮއިންޓްމަންޓު ހައްދައިގެން ވެކްސިން ޖަހަން އާދެވޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހެދުމަށްފަހުވެސް ބައެއް މީހުން ކިޔޫގައި ތިބޭ ތަން ފެންނަ ކަމަށާއި ނަމަވެސް ދުރާލައި ކިޔޫގައި ނުތިބުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.

"އެންމެ ރައްކާތެރިވާނީ ވެސް މިގޮތް. އެމީހަކަށް ފަސޭހަ ދުވަހެއްގައި، ފަސޭހަ ވަގުތަކަށް އެޕޮއިންޓްމަންޓް ހައްދާލެވޭނެ. އެޕޮއިންޓްމަންޓް މި ހައްދަނީވެސް ދުރާލައި ކިޔޫ ނަހަދައިވާނެ ގޮތެއް ހޯދަން. އެހެންވީމަ އެޕޮއިންޓްމަންޓަށް ނޫން ގޮތަކަށް ކިތަންމެ ކިޔޫއެއް ހެދިޔަސް އަޅުގަނޑުމެން ވެކްސިން ނުޖަހާނަން. ދެން ދިގު ކިޔޫތައް ނުހަދަން ވަރަށް ބޮޑަށް އިލްތިމާސް ކުރަން." އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެކްސިން ޖަހަމުން އައީ ބޮޑެތި ކިޔޫ ހަދައިގެންނެވެ. ނަމަވެސް ވެކްސިން ހުސްވެ ޖެހުން މެދުކަނޑާލުމަށްފަހު އަލުން ފެށި އިރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖެހޭނެ އުސޫލު ވަނީ ހަދައިފައެވެ.