ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ޖެހޭ އެންމެނަށް އެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހައި ނިންމޭ ވަރަށް ރާއްޖޭގައި މި ވަގުތު ވެކްސިން އެބަ ހުރި ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެސްޓްރާޒެނެކާއިން ގަތް ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށާއި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ނުޖެހިވާ ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އަދި ފުރަތަމަ ޑޯޒް ޖަހައި ނިންމޭ ވަރަށް ވެކްސިން އެބަހުރި ކަމަށެވެ.
"މިވަގުތު ކޮވިޝީލްޑް ވެކްސިން ދެ ވަނަ ޑޯޒް ނުޖަހާ ތިބި އެންމެންނަށް އެސްޓްރާޒެނަކާއިން ސެކަންޑް ޑޯޒް ޖެހޭ ވަރަށް، އަދި އޭގެ އިތުރަށްވެސް ފަސްޓް ޑޯޒް ނުޖަހާ ތިބި މީހުންނަށްވެސް ފަސްޓް ޑޯޒް ޖެހޭ ވަރަށް މިހާރު އަޅުގަނޑުމެން އަތުގައި ވެކްސިން އެބަހުރި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އިތުރު ވެކްސިންތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން މާބަނޑު މީހުންނާއި 12 އަަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޖެހޭނެ ވެކްސިނެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 59 އިންސައްތަ މީހުންނަށް މިހާރު ވަނީ ވެކްސިންގެ ޑޯޒް ފުރިހަަމަކޮށްފައެވެ. ހެލްތު މިނިސްޓްރީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 އިންސައްތަ މީހުންނަށް ވެކްސިން ޖަހައި ނިންމާލުމެވެ.
ކޯވިޑް ވެކްސީން
ކޯވިޑް ވެކްސީން