ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ފަސް ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޗްޕީއޭ އިން މިމަހުގެ 21 ވަނަ ދުވަހު ނެރުނު އުސޫލުގައިވާ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ވޯކްޕާމިޓް ހޯލްޑަރުންނާއި މަސައްކަތްތެރިން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ ކަރަންޓީނު ވުމަކާ ނުލައި ރާއްޖެ އާދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ޓީޗަރުންވެސް ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ އެޗްޕީއޭގެ މި ނިންމުމާ މެދު ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީން އެޗްޕީއޭ އާއި ކައުންސިލްތަކާއި މަޝްވަރާކުރުމަށްފަހު، ބޭރުން އަންނަ ޓީޗަރުން ފަސް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ މި ޓީޗަރުން ރާއްޖެ އަންނަން ޖެހޭނީ 96 ގަޑި އިރު ހަމަ ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ކަމަށާއި އަދި އަންނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތައް ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. އަދި ސްކޫލްތަކަށް މަސައްކަތު ނިކުމެވޭނީ ފަސް ދުވަސް ހަމަ ވެ، އަލުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް ވިދާޅުވި އެވެ.
"ކައުންސިލްތަކާއި ބެލެނެވެރިންގެވެސް ކަންބޮޑުވުން ހުރުމާއެކު އަޅުގަނޑުމެން އެޗްޕީއޭ އާއި ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު ކަރަންޓީނު ވާން ޖެހޭ ގޮތަށް މި ނިންމީ. ކުރު މުއްދަތެއް މި ދިނީ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ޓީޗަރުންނަށް. ވެކްސިން ފުރިހަމަ ކުރުމަށްފަހު ކިޔަވައިދިނުމަށް ނިކުމެވޭނީ. ދެން ކަރަންޓީން ވާއިރު މިހާރު މިދަނީ ޓީޗަރުން ކަރަންޓީނު ވާން ޖެހޭ ތަންތަން ކައުންސިލްތަކާ ގުޅިގެން ލިސްޓު ކުރަމުން. އެކަމަކު މިތަންތަނުގައި ކަރަންޓީނު ވެވޭނީ އެޗްޕީއޭ އިން ހުއްދަ ދިނުމުން." އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ޓީޗަރުން ސްކޫލަށް ނިކުންނަން ޖެހޭނެ ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު