ކުޑަކުދީން ލައްވައި މިސްކިތްތަކުގައި އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އެމިނިސްޓްރީން މިގޮތަށް އެންގީ، ދާދި ފަހުން ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދީންތަކެއް ލައްވައި އިމާމުވެ ނަމާދު ކުރުމުގެ މައްސަލައެއް ހިނގުމާ ގުޅިގެންނެވެ.
އެ ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ގެ އޮފިޝަލަކު ވަން އޮންލައިންއަށް ވިދާޅުވީ، އެގޮތަށް ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ކުރުވި މައްސަލައެއް އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފުސީލެއް އޮފިޝަލު ނުދެއްވިއެވެ.
ނަމަވެސް އޮފިޝަލު ވިދާޅުވީ، ހުޅުމާލެ މިސްކިތުގައި ނަމާދު ކުރުވީ އިމާމު ކޯސް ހަދާ ކުދީންތަކެއް ލައްވައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ގޮތަށް ނަމާދު ކުރުވީ، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންތަކެއް ލައްވައި ކަމަށެވެ.
މިނިސްޓްރީން ބުނީ، ސަރުކާރުގެ އޮފީސްތައް ހުޅުވުމުން، ކުޑަކުދިންލައްވައި އެގޮތަށް ނަމާދު ނުކުރުވުމަށް ކައުންސިލުތަކަށް ވެސް އަންގާނެ ކަމަށެވެ.
މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެވޭނީ، އިސްލާމިކް މިނިސްޓްރީން ގަބޫލު ކުރާ އިމާމު ކަމުގެ ސެޓްފިކެޓެއް އޮވެގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު