ބ. ފުޅަދޫން މޫދަށް އެރި އުޅުނު ބަޔަކު ގެނބިގެން އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުޅަދޫ ކައުންސިލުގެ ރައީސް އަލީ އަޒުހަރު "ވަން" އަށް މިއަދު ވިދާޅުވީ މޫދަށް އެރި އުޅުނު ބަޔަކު ސަލާމަތް ކުރަން އުޅުނު މީހަކު މަރުވެފައިވާ ކަމަށެވެ. ގެނބުނީ ހަތަރު މީހުން ކަމަށާއި މީގެ ތެރެއިން މަރުވެފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒުހަރު ވިދާޅުވީ މަރުވެފައިވަނީ އެ ރަށަށް ޗުއްޓި ހޭދަ ކުރަން ގޮސް އުޅުނު މީހުންގެ ތެރެއިން މީހެއް ކަމަށެވެ. މަރުވެފައި ވަނީ މާލެ އަށް ނިސްބަތްވާ މީހެކެވެ.
ހާދިސާ ހިނގި ސަރަހައްދަށް އޭނާ އަށްވެސް ދެވުނު ކަމަށާއި އޭރު ހަތަރު މީހަކު ގެނބިގެން އުޅޭ މަންޒަރު އޭނާ އަށް ފެނުނު ކަމަށް އަޒުހަރު ވިދާޅުވިއެވެ. އަދި އެ މީހުން ސަލާމަތް ކުރުމަށް އޭނާވެސް މޫދަށް ފުއްމާލި ކަމަށާއި ކައިރީގަ ތިބި މީހުން އެއްގަމަށް ލުމަށްފަހު ދެން ތިބި ދެ މީހުން ސަލާމަތް ކުރަންވެސް އޭނާ މަސައްކަތް ކުރި ކަމަށް އަޒުހަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާންމުކޮށް މޫދަށް އެރޭ ދިމާލުން އެ މީހުން ތިބީ ތަންކޮޅެއް ބޭރުގައި ކަމަށާއި އެ ވަގުތު އަތުގައި ޖެހުނު ޕެލެޓެއްގެ މައްޗަށް ދެ މީހަކު އަރުވައިގެން އެއްގަމަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭރު އޭގެ ތެރެއިން އެކެއްގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
ހާދިސާ ހިނގައިން އުޅޭ ސަރަހައްދަށް ދެވުނު ގޮތް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ އެ ސަރަހައްދަށް މޫދަށް ދިޔުމުގެ ހުއްދަ އަށް އެދި އެ އަތޮޅު ގޮއިދޫ ކައުންސިލް ރައީސް މިއަދު ހެނދުނު ވަގުތެއްގައި ގުޅި ކަމަށާއި އޭނާ އަށް އެކަމަށް ހުއްދަ ދިން ކަމަށެވެ. އޭގެ ފަހުން އޭނާ ގުޅާފައި އެ ސަރަހައްދަށް މޫދަށް އެރި އުޅޭ ބަޔަކު ހަނާ އަޅާ ކަމަށް ވިދާޅުވުމުން އެ ސަރަހައްދު ބަލާލުމަށް އޭނާ ދިޔައީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެ ސަރަހައްދަށް ދިޔަ އިރު ހަތަރު މީހަކު ގެނބިގެން މިއުޅެނީ. ގޮއިދޫ އިން މޫދަށް އައި މީހުން ކަންނޭނގެ ގުޅާފަ އެ ރަށު ކައުންސިލަށް މައުލޫމާތު ދިނީ. ދެން އަޅުގަނޑުވެސް މޫދަށް ފުއްމާލައިގެން އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރީ. ދެން ދުރުގަ އޮތް ދެ މީހުންގެ ތެރެއިން އެކަކު މަރުވީ. އަނެއް ތިން މީހުންގެ ހާލު ރަނގަޅު. ދެން ހަރަކާތް ހުއްޓިފަ އޮތް މީހާ ނަގައިގެން ބަގީއެއްގަ އަވަހަށް މަރުކަޒަށް ގެންދިޔައީ. އޭރުވެސް އޮތީ މަރުވެފަ ކަމަށް ޑޮކްޓަރުން ބުނަނީ." އޭނާ ވިދާޅުވި އެވެ.
އަޒުހަރު ވިދާޅުވީ މަރުވި މީހާ އަކީ އޭނާ އާއެކު މޫދަށް އެރި އުޅުނު ބަޔަކު ގެނބޭތީ ސަލާމަތް ކުރަން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުޅަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަމްޖަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު 1:30ގައި ގެނބިގެން މީހަކު އެ މަރުކަޒަށް ގެނެވުނު ކަމަށާއި ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި މަރު ކަށަވަރު ކޮށްފައިވަނީ މިއަދު 2:30ގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަމްޖަދު ވިދާޅުވީ މިހާދިސާގައި އިތުރު ބަޔަކު ގެނބުނު ކަމުގެ އަޑު ފެތުރިފައިވީނަމަވެސް އިތުރު އެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅެ ކަމުގެ ރިޕޯޓު މިއަދު މެންދުރު 14:30 ހާއިރު ލިބިފައިވާ ކަމަށާއި މި ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.
ޗުއްޓި ހޭދަކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ. ދަތުރު ދިޔުމާއި މޫދަށް ދިޔުމުގެ ފޯރީގައި އުޅޭ އިރު މަދުން ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަ އެވެ.
ފުޅަދޫ މޫދަށް އެރި އުޅުނު މީހަކު މަރުވެފައިވާއިރު ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ދިޔަ ޒުވާން އަންހެނަކު ގެނބިގެން މިހާރު ދަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.