ކުރީގެ ރައީސް އަބުދުﷲ ޔާމީން މިހާރު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށާއި، އެ ހާލަތުގައި ހުންނަވައިގެން އިންތިހާބު ތަކުގައި އެމަނިކުފާނަށް ވާދަ ކުރެއްވިގެން ނުވާނެ ކަމަށް، ރައީސް ޔާމީންގެ ބޭބޭ ފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވުމުން ފެންނަނީ ނުބައި ހަސީލަތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިދިޔަ އާދީއްތަ ދުވަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވަމުން، ރައީސް މައުމޫންގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ރައިސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވީ ހައްގުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި ގާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފުކޮށް ފެންނަން އެ ބަހުރި ކަމަށް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ މި ހުރިހާ ހަގީގަތެއް ފެންނަންހުރި އިރު ރައީސް ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށް ވިދާޅުވުމުން ފެންނަީ ނުބައި ހަސީލަތެއް ކަމަށެވެ.
ރައީސް ޔާމީން މިހާރު ހުންނެވި ޖަލު ހުކުމުން މިނިވަން ކޮށް، ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ދެއްވުމަކީ ކިހާ ވަރަކަށް ރާއްޖޭގެ މަސްލަހަތު އޮތްކަމެއްތޯ، ފަށާއިރު ޕްރޮގްރާމްގައި ދެންނެވުމުން ރައީސް މައުމޫނު ވިދާޅުވީ، މީހަކު ކުށެއް ކޮށްފިއްޔާ އެ ކުށުގެ އަދަބު ލިބުމަކީ ގާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"މީހަކު ކުށެެއް ކޮށްފިއްޔާ އެ ކުށުގެ އަދަބު ލިބުމަކީ ގާނޫނީގޮތުން އެންމެ ރަނގަޅު ކަމެއް، އަޅުގަނޑު ބެހޭކަށް ބޭނުމެއްނޫން ޝަރީއަތަކާ، އެއަށް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް މިހާރު ޔާމީން އެހުންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި އެހެން ހުންނަވަނިކޮށް އެނާ ނިކުމެ ވަޑައިގެން އެކަހަލަ ކަމެއް ކުރެއްވިގެންނުވާނެ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ނަމަވެސް ޖަލުން މިނިވަންވެ ވަޑައިގެން "މިސާލަކަށް އެ ޝަރީއަތް ބާތިލު ވެގެން، ސުޕްރީމް ކޯޓުން ބާތިލު ކޮށްގެން ނުވަތަ އެނޫން ގޮތަކުންވެސް މިނިވަންވެވަޑައިގެން ނުކުމެވަޑައިގެންފިއްޔާ ދެން އަދި ތަފާތު، އެވަގުތު މަސައްކަތް ކުރެއްވުމަކީ އެންމެ ރަނަގަޅު ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު