ކުޅިވަރު

ނަބާގެ ދެވަނަ މެޗުގައި އިރާންގެ ވަރުގަދަ ސޫރަޔާ އަތުން ބަލި، ސަޖީނާގެ ހީޓްވެސް ނިންމާލައިފި

1

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ކުޅުނު ދެވަނަ މެޗުގައި އިރާންގެ ތަރި، އަގާއީހަޖިއާގާ ސޫރަޔާ އަތުން ބަލިވިއިރު، ފެތުންތެރިޔާ އައިޝަތު ސަޖީނާގެ ހީޓްވެސް ނިންމާލައިފިއެވެ.

ޓޯކިއޯގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ދިވެހި އެތުލީޓުންވެސް ވާދަކުރަމުންދާއިރު، ނަބާ މިއަދު ކުޅުނު މެޗަކީ އޭނާ ސިންގަލްސް އަންހެން ބެޑްމިންޓަން އިވެންޓްގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ނަބާ ބަލިވީ ދުނިޔޭ ރޭންކިން ނުވަ ވަނަ ކުޅުންތެރިޔާ، ޗައިނާގެ ހީ ބިންގްޖިއާއޯ އަތުންނެވެ.

ދެވަނަ މެޗުގައި ނަބާ ނުކުތީ ދުނިޔޭގެ 111 ވަނަ އަށް ރޭންކު ކޮށްފައިވާ ސޫރަޔާއާ ދެކޮޅަށެވެ. ނަބާއަކީ 252 ވަނައަށް ރޭންކް ކޮށްފައިވާ ކުޅުންތެރިޔާއެވެ. މެޗު ސޫރަޔާ ކާމިޔާބުކުރީ 21-14 އަދި 21-7 އިން ސެޓުތައް ގެންގޮސްގެންނެވެ. ނަބާ ވަނީ މީގެ ކުރިން ސޫރަޔާއާ ދެކޮޅަށް ކުޅެފައެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފައެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ.

ސަޖީނާ ފެތި ހީޓަކީ ވުމަންސް ބްރެސްޓްސްޓްރޯކް 100 މީޓަރު ހީޓް އެކެކެވެ. އޭނާގެ ހީޓްގައި ޖުމްލަ ހަ އެތުލީޓުން ވާދަކޮށްފައިވާއިރު، އޭނާ ހީޓް ނިންމާލީ ހަވަނައިގައެވެ. ސަޖީނާ ރޭސް ނިންމީ އެއް މިނެޓް، 33 ސިކުންތާއި 59 މިލި ސިކުންތުންނެވެ. ރާއްޖެއިން ސްވިމިންގައި ވާދަކުރާ އިބްރާހީމް މުބާލް އައްޒާމްގެ ހީޓް އެކެއް މާދަމާ އޮންނާނެއެވެ.

ނަބާގެ އިތުރުން ދެ ފެތުންތެރިންނާއެކު ދެން ރާއްޖެއިން މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.