ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާންގެ ސޮއި ހޯދުމާ ގާތަނަށް އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ޖެހިލައިފިއެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ވަރާންއަކީ މިހާރު ޔުނައިޓެޑްގެ އެންމެ ބޮޑު ޓްރާންސްފާ ޓާގެޓެވެ. ވަރާންގެ ވިސްނުންވެސް ޕްރިމިއާ ލީގަށް ހުރިއިރު، އޭނާ ކްލަބާއެކު ތަމްރީނުތައް ހަދަމުންދަނީ ދެ ކްލަބުން އެއްބަސްވުމަކަށް އަންނަދެން ކަމަށް އެޖެންޓް ވަނީ ބުނެފައެވެ. އެޖެންޓް ބުނެފައި ވަނީ ވަރާން ބޭނުންވަނީ ރީތި ގޮތުގައި ޓްރާންސްފާ ނިންމަން ކަމަށާއި، ރެއާލްއަށް އިހުތިރާމްކޮށް، ދެ ކްލަބުން އެއްބަސްވާ އަގަކަށް ވަރާން ޔުނއިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށެވެ.

ވަރާންގެ ޓްރާންސްފާއަށް ދެ ކްލަބުން މިހާރު ވާހަކަ ދައްކަމުން އަންނައިރު، އިތުބާރު ހުރި ނޫސްވެރިއެއް ކަމަށްވާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާރު ވަނީ ދެ ކްލަބުން އެއްބަސްވުމަކަށް އައިސް، ބިޑް ކުރަން ތައްޔާރުވެފައެވެ. ލަފާ ކުރެވޭ ގޮތުގައި ދެ ކްލަބުން އެއްބަސްވާނީ 45 މިލިއަން ޔޫރޯ ނޫނީ، 55 މިލިއަން ޔޫރޯގެ އަގަކަށެވެ.

ޔުނައިޓެޑާއި ރެއާލްގެ ގުޅުންވެސް ރަނގަޅުކޮށް ފެންނައިރު، ރިޕޯޓުތައް ބުނާ ގޮތުގައި ވަރާންގެ ޓްރާންސްފާ ފަސޭހަކަމާއެކު ނިމޭނެ ކަމަށް ބެލެވެއެވެ. ރެއާލްއަށް އެތަކެއް ދުވަހަކު ކުޅެ، ކެޕްޓަން ބޭންޑް އަޅަމުންދިޔަ ސާޖިއޯ ރާމޯސް އެ ކްލަބުން ޕީއެސްޖީއަށް ބަދަލުވެފައިވާއިރު، ދެވަނަ ޑިފެންޑަރަކު ގެއްލިގެން ދިޔުން ވެގެންދާނީ ސަޕޯޓަރުންނަށް ބޮޑު މާޔޫސް ކަމަކަށެވެ.

2011 ވަނަ އަހަރުން ފެށިގެން ރެއާލްއަށް ވަރާން ވަނީ 236 މެޗު ކުޅެދީފައެވެ. އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތިން ފަަހަރު ލީގުވެސް ވަރާން ވަނީ އުފުލައިލާފައެވެ. ވަރާންއަކީ ފްރާންސްގެވެސް އެންމެ މުހިއްމު ޑިފެންޑަރެވެ. އޭނާ ވަނީ ފްރާންސާއެކު ވޯލްޑް ކަޕްވެސް ހޯދައިފައެވެ.