ދައުރުން ބޭރުން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕަށް އެ މަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު "ވަން" އަށް ވިދާޅުވީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ރައީސް ނަޝީދު އެމްޑީޕީގެ ޕީޖީގެ ވަޓްސް އެޕް ގްރޫޕްގައި އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވާއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގަރާރެއް ވަނީ ހުށަހަޅުއްވައިފައެވެ.

ނަޝީދު ވިދާޅުވީ ގަރާރު ހުށަހަޅުއްވަން ޖެހިވަޑައިގެންނެވީ ރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާތައް ދިނުމަށް ރޭވިގެން ތައްޔާރުވަމުން އަންނަ ކަމަށާއި މިއަދު އެކަންކަމަށް އަޅާ ނުލެވިއްޖެ ނަމަ ރާއްޖެ ވެއްޓިގެންދާނީ ވަރަށްވެސް ނުރައްކާތެރި ހިސާބަކަށް ކަމަށެވެ. އަދި ރާއްޖެ އަޅުގަނޑުމެންނަށް ސަލާމަތް ނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް މިއަދު ކުރަންޖެހޭ ކަމަށާއި މަސައްކަތް ކުރަންވީ އެފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަށް ކަންކަން ކުރުން ކަމަށެވެ.

ނަޝީދު މިއަދު ވަނީ ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ވެސް ގޮވާލައްވާފައެވެ.