ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގަރާރެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެ ގާރަރު ރައީސް ނަޝީދު ހުށަހަޅުއްވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރޭގެ ނިވްސް ކޮންފަރެސްގައި ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލުކުރަންވީގޮތް ކަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރުމަށް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އޮތީ މިރޭ 9:00ގައެވެ.
ރައީސް ނަޝީދު މިރޭ ހުށަހަޅުއްވާ ގަރާރުގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފައެވެ. އެ ގަރާރުގައިވާ ގޮތުން އެމަނިކުފާނު އެމްޑީޕީން ދެކޭގޮތެއް ކަމަށް ކަނޑައަޅަން އެމަނިކުފާނު ބޭނުންފުޅު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަށެވެ.
ރައީސް ނަޝީދު މިފަދަ ގަރާރެއް ހުށަހަޅުއްވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާ ރޭވިގޮތުގެ ތަފްސީލީ މައުލޫމާތު ރޭ ފުލުހުން ހާމަކޮށްފައިވަނިކޮށެވެ. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ މީގެކުރިން ތިން ފަހަރު ރައީސް ނަޝީދަށް ހަމަލާދޭން ހަރުކަށި ފިކުރުގެ މީހުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު