އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކަށް ތައްޔާރުވުމުގެ ތަމްރީނުތަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިއްޔެ ސައުދީ އަރަބިއާއަށް ފުރައިފިއެވެ.

ކޮވިޑް 19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ލީގު މިއަހަރުވެސް ވަކި ހިސާބަކުން ކުރުކޮށްލައި، އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ދެ ފަހަރެއްގެ މަތިން ދިގު ލައިގެން ދިއުމަށްފަހު، ދެން އޮންނާނީ އަންނަ މަހުގެ 15 ފެށިގެންނެވެ. މިފަހަރު މެޗުތައްވެސް ރާއްޖޭގައި ހޯސްޓް ކުރާ ގޮތަށް އޭއެފްސީން ނިންމާފައިވާއިރު، މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ދެ މަހެއްހައި ދުވަހުގެ މެދުކެނޑުމަކަށް ފަހު މާޒިޔާ އިން ޕްރެކްޓިސް ފެށީ މި މަހު 10 ވަނަ ދުވަހު އެވެ. ސައުދީ އަށް މިރޭ ޓްރެއިނިން ކޭމްޕަށް ފުރާއިރު، އެނބުރި އަންނާނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ތިން ހަފުތާއެއްހައި ދުވަހު ސައުދީގައި ޓްރެއިނިން ކުރިއަށްގެންދާނެ އެވެ.

ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފައި ވަނީ ވަގުތަށް ބަލާއިރު، މިއީ އެ ޓީމަށް ވަރަށް މުހިއްމު ކޭމްޕެއް ކަމަށެވެ.

"ވަރަށް ވާދަވެރި މެޗުތަކެއް އަހަރެމެން ކުޅެން ޖެހިފައި މި ހުރީ. ރަނގަޅު ވަސީލަތްތަކެއްގައި ރަނގަޅު އެއްޗެހި ކައިގެން ރިކަވަރީއަށް ވެސް އިސްކަން ދީގެން އަހަރެމެންނަށް ޓީމެއްގެ ގޮތުގައި އުޅެވޭނެ ގޮތް ޓްރެއިނިން ކޭމްޕުން ފަހިވާނެ. އަހަރެމެން ބޭނުންވާ ހުރިހާ ކަމަކަށް ބަލާއިރު ސައުދީ އަރަބިއްޔާ އިން އެކަންކަން ހާސިލުކުރެވޭނެ،" ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ބުނީ މި ވަގުތު ހާލަތު ހުރިހާ ޓީމަކަށް ދާދި ހަަމަހަމަކޮށް އޮތް ނަމަވެސް ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭތީ މީގެ ބަޝުންދުރާ ކޮޅަށް ކުޑަ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ. ވިޑަކޮވިޗް ބުނީ ފިޒިކަލް ފިޓްނަސް ވެސް މުހިއްމު ކަމަށާއި އެކަަމަކު ކުޅުންތެރީން އަމިއްލަ ނަފުސަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.

"ހަގީގަތުގައި ފިޒިކަލް ފިޓްނަސް އަކީ އެ ކުޅުންތެރިޔަކު އަމިއްލަ ނަފުސާ މެދު ވިސްނައިގެން ކުރާ މަސައްކަތުން ނެޗުރަލީ އަންނަ އެއްޗެއް. މީގެ އޮތީ ކުޅުންތެރިޔަކު ކުރާ މަސައްކަތް. އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ އަކީ މުޅި އެއްކޮށް ހަމައެކަނި ފިޓުވެގެން ކުރެވޭނެ ކަމެއް ނޫން. މީގެ މެންޓަލީ ވެސް ތައްޔާރުވާން ޖެހޭ،" ވިޑަކޮވިޗް ބުންޏެވެ.