މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންދިން ނަޝީދުގެ ލޭ ހުއްދަ ކަމަށް ގަބޫލުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް ދެކި އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް ރާއްވަމުން އައިސްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މެއި ހައެއްގެ ހަމަލާއަކީ އެގޮތުން މަަސައްކަތް ކުރި ތިންވަނަ ފަހަރު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތް ކަމަށާއި އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެފައި ކަމަށެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށާއި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައި ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި މީހުންގެ އިތުރުން މިވަގުތު ބަންދުގައި ތިބީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އިސްހާގަކީވެސް މެއި ހައެއްގެ ޓެރަރިސް ހަމަލާ ރޭވުމުގައި އިސްކޮށް ހުރި މީހެއް ކަމަށާ އޭނާއަކީ ބޮން ގޮއްވާލި އަދުހަމް އެކަމަށް ތައްޔާރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން ފަހުމީ އާއި ނާޒިމްވެސް ވަނީ ހަމަލާގައި ބައިވެރިވެފައެވެ.
"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި. މުހައްމަދު ތަސްލީމަކީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅާ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މި ސެލްގެ މީހުން ވައްދާ، ސެލްއެއްގެ ގޮތުގައި އޮޕަރޭޓް ކުރަންވީ ގޮތް ކިޔައިދީ އަދި އެކަމާއި ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް ހަމަލާދީން މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު މިއަދު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ. އޭނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު