މިއަހަރު އޮކްޓޯބަރު މަހު ބާއްވަން ތާވަލު ކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް 2021 ބޭއްވުމަށް އިންޑިއާގެ އިތުރުން ނޭޕާލް އަދި ދިވެހި ރާއްޖެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) އިން މިއަދު ބޭއްވި ޒޫމް މީޓިންގައި މެމްބަރު އެސޯސިއޭޝަންތަކުން ވަނީ ބައިވެރިވެފައެވެ. ރާއްޖެއިން ބައިވެރިވެފައި ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ)އެވެ. މިއަދުގެ ބައްދަލުވުމުގައި މެމްބަރު އެސޯސިއޭޝަންތަކުން ވަނީ އޮކްޓޯބަރު މަހު ކުރީކޮޅުގައި ސާފް ބާއްވަން އެއްބަސްވެފައެވެ.

ކުރިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން އޮތީ ބަންގްލަދޭޝްގައި ނަމަވެސް އެގައުމުގެ ކޮވިޑް 19ގެ ހާލަތާއި، އެހެނިހެން ކަންކަމަށް ބަލައި، މުބާރާތް އެގައުމުގެ ހޯސްޓް ނުކުރެވޭނެ ކަމަށް މިހާރު ވަނީ އަންގާފައެވެ. އެގައުމުން ސާފްގެ ސެކެރަޓަރީ ޖެނެރަލް ައަންވަރު ހޭގު ހެލާލްއަށް އަންގާފައި ވަނީ ކޮވިޑް 19ގެ ސަބަބުން ބަންގްލަދޭޝްގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ސާފުން ވަނީ ހޯސްޓް ގައުމެއް ހޯދަން މަސައްކަތް ފަށައިފައެވެ. މިއަދުގެ ބައްދަލުވުމުގައި އިއުލާން ކޮށްފައިވާ ގޮތުގައި އާ ހޯސްޓް ގައުމު އިއުލާން ކުރާނީ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.

2008 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް ރާއްޖެއިން ލަންކާއާއެކު މުބާރާތް ހޯސްޓް ކުރަން ވިސްނަމުންދާ ކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ. ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސާފް ބޭއްވުމުގެ ވިސްނުމައިގެން ކުރިއަށް ދިއުމުގައި ސަރުކާރާ މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކަށް އެބަ އާދޭ ރާއްޖެ އާއި ލަންކާއާ ގުޅިގެން ކީއްވެގެންބާއޭ ނުކުރެވެން ވީ. އެހެންވީމަ އަޅުގަނޑަށް ސީދާ އަޅުގަނޑުމެން ބިޑް ކުރާނެއޭ ނުވަތަ ރާއްޖޭގައި ބާއްވަން މަސައްކަތް ފަށާނެއޭ ދެންނެވޭނީ އަޅުގަނޑު ސަރުކާރާ އެކު މަޝްވަރާ ކުރުމަށްފަހު،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި، ލަންކާއާއެކު މަޝްވަރާތައް ކުރެވި، މިހާރު ވަނީ ބިޑަކާ ހަމައަށް ދާން ދެގައުމުގެ މެދުގައިވެސް ބައެއް ކަންކަމަށް އެއްބަސްވެވިފައެވެ.