އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު، އިންޑިއާގެ ނިއު ދިއްލީއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.
މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ޝާހިދުއާ ބައްދަލުވެވުނީތީ އުފާ ކުރައްވާ ކަމަށާއި އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ނިއުދިއްލީގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މެދުނުކެނޑި އިންޑިއާއިން ރާއްޖެއަށް، ހާއްސަކޮށް ކޮވިޑާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރާށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެއިން އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިހާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ދިން ތާއީދަށްވެސް ވަނީ މިނިސްޓަރު ޝުކުރު އަދާކުރައްވައިފައެވެ.
ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު