ސްރީލަންކާއިން އިންތިޒާމް ކޮށްގެން ބާއްވަން މަސައްކަތް ކުރަމުންދާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ގައުމީ ފުޓުބޯޅަ ޓީމު ވާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމަށް ލަންކާގައި އޮންނަ މުބާރާތުން ދައުވަތު ލިބިފައިވާ ކަމަށާއި، އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފައިނަލް ބުރުގެ ކުރިން އެފަދަ މުބާރާތެއްގައި ކުޅެލަން ލިބުމަކީ ގައުމީ ޓީމަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް މެޗުތައް މަދުވުމަކީ ޝަކުވާއެއް ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ލަންކާ މުބާރާތް ވަރުގަދަ ނޫން ނަމަވެސް ގައުމީ ޓީމު ބައިވެރިކުރުވަން ނިންމީ ގިނަ މެޗުތަކެއް ހޯދުމަށް ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.
"އަނެއް ހެން މާ ވަރުގަދަ މުބާރާތަކަށް ނުވާނެ. އެހެން ނަމަވެސް މި ކަހަލަ ގޮތަކަށް ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުންހިފަން އަޅުގަނޑު ބޭނުން،" ބައްސާމް ވިދާޅުވި އެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް އަންނަ އަހަރު ކުޅޭނެ އެވެ. ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ޕްލޭއޮފް ބުރު ނިމުމުންނެވެ. ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު