ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި ކަމަށް ތުހުމަތުކުރައްވައި، ފުރަތަމަ ކަމަކަށް ސަރުކާރުގެ އެތެރެ ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް އެހެން ވިދާޅުވެފައި މިވަނީ، ހަރުކަށި ފިކުރު ނައްތާލުމަށް އިދިކޮޅު ހިމެނޭ ގޮތަށް ހުރިހާ ޕާޓީތަކުން އެއް ޕްލެޓްފޯމެއްގައި މަޝްވަރާކުރަން ޖެހޭ ކަމަށާއި އެންމެން ގުޅިގެން ފުރަތަމަ ކަމަކަށް ދައުލަތުގެ މުއައްސަސާތަކުގައި އޮތް ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށެވެ.
"ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރައްވާ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންޑިއާގެ "ވިއޯން" ޗެނެލަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލެއް ނުހޯދިއްޖެ ނަމަ، ރާއްޖެއަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މަސައްކަތްކުރަންވީ އެ މައްސަލައަށް ހައްލު ހޯއްދެވުމަށް ކަމަށެވެ.
އާ ގާނޫނު އަސާސީއާއެކު ބޭއްވި ތިން ރިޔާސީ އިންތިހާބާއި ހަތަރު މަޖިލިސް އިންތިހާބާއި ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެންވެސް ދައްކަމުންދިޔައީ ހަރުކަށި ފިކުރަށް ރާއްޖެއިން ޖާގައެއް ނެތްކަން ކަމަށާއި ނަމަވެސް ވެރިކަމަށް އާދެވެނީ އެމީހުންގެ ތާއީދާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ވެސް ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު