މަހެއްހާ ދުވަސް ފަހުން ހއ. ދިއްދޫ މޮނިޓަރިން އިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ.
ދިއްދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ރަށުގެ ފުލޫ ކްލިނިކަށް ދެއްކި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.
ދިއްދޫ މޮނިޓަރިންގައި އޮންނަތާ މަހެއް ވާން ތިން ދުވަސް ވެފައި ވަނިކޮށް ރޭ އެ ރަށް މޮނިޓަރިން އިން ނަގާފައިވާ ކަމަށް އެ ރަށުގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، ހެލްތު ސާވިސް އުސްމާން އަޝްރަފް ވަނީ "ވަން" އަށް ވިދާޅުވެފަ އެވެ.
ވޭތުވެގެން ދިޔަ މަހެއްހާ ދުުވަހުގެ ތެރޭގައި 146 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެކަކު ވަނީ އެ ބަލީގައި އެ ރަށުން މަރުވެސް ވެފަ އެވެ. އަދި މި ވަގުތު ވެސް ކޮވިޑަށް ޕޮޒިޓިވް 46 މީހަކު ތިބިއިރު، އެ ރަށް މޮނިޓަރިން އިން ނަގާފައިވަނީ، ރަށު ތެރެއިން ނަގާ ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ނުވާތާ ދުވަސްތަކެއް ވުމުން ކަމަށް އުސްމާން ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ގިނަ ރަށްތަކަކުން އެ ބަލި ފެނި މޮނިޓަރިންއަށް ލާން ޖެހުނު ނަމަވެސް މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މޮނިޓަރިންގައި އޮތީ 15 ރަށެވެ.