މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ގޮއްވާލި ސައިކަލުގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާއެވެ. އެ އެންމެންނަކީވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއް ކަމުގައި ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، އެ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު ހަތަރު މީހުންނަށް ދައުވާކުރުމަށް ފުލުހުންގެ ފަރާތުން ފޮނުވާފައިވާ ކަމަށެވެ. އެމީހުންނަށް ދައުވާކުރުމާ މެދު 15 ދުވަސް ތެރޭގައި ޕީޖީން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތުދިނުމަށް އަންނަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ބޮން ގޮއްވާލި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކުރަން ފޮނުވި އިރު ފުލުހުން މިއަދު ބުނީ، ޝަރީއަތް ނިމެންދެން މުޖާޒާއި އަދުހަމްގެ އިތުރުން ތަހުމީން ބަންދުކޮށްފައިވާ ކަމަށާއި ހައިޝަމްއަށް 30 ދުވަހުގެ ބަންދެއް ދީފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ދައުވާ ކުރަން ފޮނުވާފައިވަނީ އެ ހަތަރު މީހުންގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު