ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމާއި، ކައުންސިލުގެ ގިނަ ގޮނޑިތަކެއް ވެސް ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ ގެއްލިފައެވެ.

އެކަމާ ގުޅިގެން އިންޑިއާގެ ޓީވީ ޗެނަލަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލޭގެ ގޮނޑިތައް ގެއްލުނީ އެމްޑީޕީގެ މެންބަރުން ވޯޓުލުމަށް ނުނިކުތުމުގެ ސަބަބުން ކަމަށެވެ. މެންބަރުން ވޯޓުލުމަށް ނުނިކުތް ސަބަބު ވެސް ރައީސް ނަޝީދު ކިޔައިދެއްވިއެވެ. އެއީ އެމީހުން ގަބޫލުކުރާ ގޮތްތަކާއި ވިސްނުންތަކާ ފެޔަށް ސަރުކާރުން ޖެހުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކަމާ އެމީހުން ތިބީ ހިތްހަމަ ނުޖެހިފައި. ހާއްސަކޮށް މާލެއަށް ނިސްބަތްވާ މެންބަރުން ބޭނުންވީ ލީޑާޝިޕަށް މެސެޖެއް ދިނުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން އަމަލު ކުރަމުންދަނީ މައިނޯރިޓީ ބޭނުންވާ ގޮތަކަށް ކަމަށް ތުހުމަތުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ވަރަށް އަވަހަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެ އިންޓަވައިގައި ރައީސް ނަޝީދު ވަނީ ވެރިކަމަށް އައުމަށް ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފައެވެ. އެގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ އެހުމުން ރައީސް ނަޝީދު ވިދާޅުވީ، "އަބަދުވެސް ދަންނަވާ ފަދައިން އަދި ސިޔާސީ ކަންކަމުން އެއްފަރާތް ނުވާ" ކަމަށާއި ހުރިހާ އިންތިހާބުތަކަކަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.