މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި އިންޑިއާގެ ޓީވީއަކަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވެސް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށާއި އަދި އެ މީހުންނާއި އައިއެސްއާ ގުޅިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ހަމަލާތައް ދީފައި ހުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ރިމޯޓް މެދުވެރިކޮށް ރާއްޖޭގައި އެއްޗެއް ގޮއްވާލާފައި މިވަނީ އަލަށް ކަމަށެވެ.

"އެއްގޮތް ކަންތައްތަކެއް އެކުލެވޭ ގޮތަށް ތިން މީހަކު ވެސް ވަނީ ރާއްޖޭގައި މަރާލާފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮން ގޮއްވާލި މައްސަލަ ސަރުކާރުން ތަހުގީގު ކުރަމުން އައި ނަމަވެސް އެކަމުގެ އެންމެ އަޑިއަށް އަދިވެސް ދެވިިފައިނުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ބޮން ގޮއްވާލި މީހާ ވަނީ ސީސީޓީވީއަށް އަރާފައި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި ނަމަވެސް އެކަން ރޭވި މީހުންނާއި ފަންޑު ކުރި މީހުން ހައްޔަރުކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފައެވެ.