ކުރިޔާ އަޅައި ބަލާއިރު ލައްކަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ދުނިޔޭގެ ހާލަތާއި ދިވެހިންގެ ހާލަތެވެ. ޒަމާނަށް ބަދަލު އައި ނަމަވެސް އަންޒަމާނުން ފެށިގެން ކުރަމުން އައި ބައެއް ކަންކަމަށް ބަދަލެއް ނާދެ އެވެ. އެއީ އީދުގެ އުފަލާއި ފޯރި ނެގުމެވެ.
ސަގާފީ ގޮތުން ކުރަމުން އައި ގިނަ ކަންތައްތައް އަދިވެސް ކުރިއަށް ގެންދެ އެވެ. ތަފާތަކީ އެކަން ކުރާ ގޮތެވެ. އެންމެ އިހު ޒަމާނުއްސުރެ ވެސް އީދަށް އާ ހެދުން ހޯދަ އެވެ. އެއީ ދިވެހީންގެ އާދަ އެވެ. މިހާރު ވެސް އެގޮތެވެ. ހަމަ އެގޮތަށް އީދު ނަމާދުން ފައިބައިގެން ތިމާގެ ގޭގެއަށް ޒިޔާރަތްކޮށް ސަލާން ގަލާންކުރެ އެވެ. އޭރު އަންހެން ވެރިން ތިބެނީ ހޫނު ބޯކިބާތަކާއި އަނގަޔަށް އަރާމު ފޮނި ބޯކިބާތައް ފިހެލައިގެން ސުފުރާމަތި އެއް ވަސް ކޮށްލައިގެންނެވެ.
ދެން އޮންނާނީ އީދު ކޭމެވެ. ތިމާގެ މިހުންނާއި އަވަށްޓެރިންނާއި އެންމެން އެއް ސުފުރާ އަކުން ބައްދަލުވާ ބޮޑު ކޭމެވެ. އެކި ކަހަލަ ތާބޯތަކެތީން ސުފުރާ މަތި ފުރާލަ އެވެ.
ކޭމަށްފަހު ދެން އެންމެން ނިކުންނާނީ މަގުތަކަށެވެ. ދަފި ނެގުމުގެ ކުޅިވަރު ރަށު ތެރެއިން ފެންނާނެ އެވެ. އަންހެނުންގެ ދައްޕާއި ފިރިހެންނުންގެ ދަފީގައި ވެސް އެހާ ފޯރި ނަގަ އެވެ. ދަފި ނެގުމަށް ދަފި ގުރޫޕުތައް ގޭގޭ ދޮށަށް ދަނީ ހަދިޔާއެއް ނުވަތަ ފައިސާ ދައްޕެއްގައި ހަރުކޮށް ދައުވަތު ދިނުމުންނެވެ. ކޯޑި ކެނޑުމާއި ލަނގިރި ޖެހުމާއި މާލި ނެރުން ފަދަ އެތައް ކުޅިވަރެއް އީދުގައި އޮންނާނެ އެވެ.
ޒަމާން ބަދަލުވެގެން އައި އިރު އީދު ދުވަހުގެ ކުޅިވަރުތަކަށް މިވަނީ ކުލަގަދަ ކުޅިވަރެއް އިތުރުވެފަ އެވެ. އެއީ ކުލަޖެހުމެވެ. މިހާރަކަށް އައިސް ކޮންމެ އީދަކާ ދިމާކޮށް މުޅި ސޯޝަލް މިޑިއާގައި "އީދަށް ކުލަ ލިބެން އެބަހުރި" ލިޔެފައި ވަރު ވަރުގެ ޕޯސްޓްތައް ހުރެ އެވެ. އީދު ދުވަހު މި ކުލަތައް ފެންނަމުން ދަނީ އެކި މީހުންގެ މޫނުންނެވެ. ކުލަ ފެން ޖެހުމާއި ކުލަ އުނގުޅުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ކުޅިވަރެކެވެ.
ބޮޑު އީދުގެ ފަސް ދުވަސް މިފަދަ އެކިއެކި ކުޅިވަރުތައް ކުޅުމުގައްޔާއި އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމުގެ އެކި ކަހަލަ ހަރަކާތްތަކުގައި ދިވެހީން ހޭދަ ކުރެއެވެ.
އީދު ކުޅިވަރުތަކާއި ހަރަކާތްތައް އެކި ގޮތްގޮތަށް ބަދަލުވަމުން އައި ނަމަވެސް، މިއަދާއި ހަމައަށް ވެސް ބަދަލުނުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އީދު ހެދުން އެޅުމެވެ. އީދަށް އާ ހެދުން ފެހުމެވެ. އީދަށް އާ ހެދުން ލުމަކީ އެންމެ އިހުއްސުރެ ވެސް ދިވެހީންގެ ތެރޭގައި އެކަން އޮތް ގޮތެވެ. ޒަމާނީ ހެދުން ތަކަށްވުރެ ދިވެހި ވަންނަ ހެދުންތައް ލުމަށް އެއް ބަޔަކު އިސްކަން ދޭ އިރު، ފަހުގެ އާ ވައްތަރުތައް ނުވަތަ ފެޝަންތައް އިހުތިޔާރުކުރާ ޒުވާނުން ވެސް މަދެއް ނޫނެވެ. އެކަމަކު އަދިވެސް ފާހަގަ ކުރެވެނީ އީދަށް ގިނަ ބަޔަކަށް ކަމުދަނީ ދިވެހި ވަންތައް ހެދުން ކަމެވެ. ކުޑަކުދީންނާއި އުމުރުން ދުވަސް ވީ މީހުން ދިވެހި ލިބާހާއި ދިގުހެދުމާއި މުންޑު އަދި ގަންޖުފުރާސް ލައިގެން ތިބޭ އިރު ތަފާތ އިހުސާސެއް ކުރުވަ އެވެ. އެ ތަފާތު ބޮޑަށް އިހުސާސް ކުރެވެނީ ޖީންސަކާއި ޓީޝާޓެއް ލައިގެން ހުންނަ ފިރިހެނަކާއި މުންޑަކާއި ގަންޖުފުރާހެއް ލައިގެން ހުންނަ މީހަކު އެއް ތަނަކުން ފެނުމުންނެވެ. ޖީންސަކާއި ޓޮޕެއް ލައިގެން ހުންނަ އަންހެން ކުއްޖަކާއި ލިބާހެއް ލައިގެން ހުންނަ އަންހެން ކުއްޖަކު އެކުގައި ފެނުމުންނެވެ.
މި ފަހަރުގެ އީދަކީ އެންމެ ގިނަ ބަޔަކު އެމީހުންގެ އީދު ހަރަކާތްތަކުގެ ފޮޓޯތައް އާންމުކުރި އީދަކަށް ވާނެ އެވެ. އީދަށް އާ ހެދުން އެޅުމަށް ދިވެހީން ކުރާ ލޯބީގެ ބޮޑުކަން ފޭސްބުކާއި އިންސްޓަގްރާމް އަދި ޓުވީޓަރު ފަދަ ސޯޝަލް މީޑިއާ އެޕްތައް ހާވައިލުމުން ސާފުކޮށް ފެނެ އެވެ. މިއީ އުފާވެރި މަންޒަރު ތަކެކެވެ.
ދިވެހިންގެ ސަގާފަތާއި އީދަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރި ކަމެވެ. އަޅައިލުމާއި އަހުވަންތަ ކަމެވެ. އީދުގެ އުފަލުގައި ރަށު އެންމެން ބައިވެރިވަނީ ވަކި ގިންތިއެއް ނެތި އެވެ. ތިމާގެ މީހުންގެ ގުޅުންތައް އިތުރަށް ބަދަހިކުރުވަ އެވެ. އެއީ ދިވެހިންގެ ރީތި ސަގާފަތެވެ. ދިވެހިންނާ އީދު ބައްދަލުކުރި ގޮތެވެ. ފާއިތުވި ދޮޅު އަހަރު ދިވެހިންނާ އީދު ބައްދަލު ކުރީ މިގޮތަށް ނޫން ކަމުގައި ވީ ނަމަވެސް ދިވެހިންގެ އެއްބައިވަންތަކަން އަބަދުވެސް އަންނަނީ ފެންނަމުންނެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލި މަޑުކަމުން އަރައިގަތުމަށް ދިވެހިން ވަނީ އެއް އަޒުމެއްގައި އަތުގުޅާލައިގެން މަސައްކަތް ކުރުމުގެ ނަމޫނާއެއް ދައްކާފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް