ކޮވިޑު-19އިގެ ނުރައްކަލާ އެކު ވެރިރަށް މާލެ އާއި މުޅި ރާއްޖެ ވެސް ލޮކްޑައުނެއްގައި ދޮޅު އަހަރު ވީ އެވެ. މީގެ ކުރީން އައި ދެ އީދާއި ސުކޫލް ބަންދު ބޮޑު ޗުއްޓީވެސް ގިނަ ދިވެހިން ހޭދަކޮށްފައިވަނީ ގޭ ބަންދުގަ އެވެ. ނަމަވެސް ރައްކާތެރިވުމަށް ޖަހާ ވެކްސިނާ އެކު މި ފަހަރު މި ވަނީ ބަންދުން ވީއްލި އާއިލާތަކާއި ރަހްމަތްތެރިން އެކުގައި ދުވަސްތަކެއް ހޭދަކޮށްލުމުގެ ފުރުސަތެއް ލިބިފަ އެވެ.
އީދު ބަންދާއި ސުކޫލު ޗުއްޓީއަށް ވުމާއި އެކު ލިިބުނު ލުއިތަކާ ގުޅިގެން ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ވަނީ ދަތުރު ކޮށްފަ އެވެ. މުޅި ރާއްޖޭން ފެންނަނީ އެންމެ އެކުގައި އީދު މަޖާ ނަގާ ތަނެވެ.
މި ހާލަތުގައި ދަތުރު ކުރާ އިރު ވިސްނާން ޖަހާ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. އަދިވެސް އަހަރެމެން މި ތިބީ ކޮވިޑުގެ ތެރޭގަ އެވެ. އުޅޭން މި ޖެހެނީ ކޮވިޑާ އެކުގައެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ވަރަށް ދިގު ޗުއްޓީއެއް. ދެން ބަންދުވެފަ ތިބެފަ ނޫނީ ވަރަށް ގިނަ ދުވަހު އާއިލާގެ މީހުނާއި ވެސް ދިމާ ނުވެ ތިބެފަ ފުރުސަތު ހުޅުވިގެން ދިޔައީ. އަޅުގަނޑު ވެސް އެދެނީ ޗުއްޓީގެ ފުރިހަމަ ބޭނުން ހިފުން އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްގެން،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
އެގޮތުން ޗުއްޓީއަށް ދާ ތަނެއްގެ ކޮވިޑްގެ ހާލަތު އެ މީހަކަށް އެނގެން ޖެހޭނެ އެވެ. ރާއްޖެ ނަމަ މޮނިޓަރިންގައި އޮންނަ ރަށް ރަށަކީ ކޮވިޑް ބޮޑަށް އޮތް ރަށްރަށް ކަން ޑރ. ނަޒްލާ މުސްތަފާ ފާހަގަކުރެއްވި އެވެ. ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ނަމަ އެގޮތަށް ނޭނގުން އެކަށީގެން ވާ ކަމަށެވެ. އެހެން ކަމުން އެ ދާ ގައުމެއްގެ ޗުއްޓީ ހޭދަކުރާ ސަރައްދެއްގައި ކޮވިޑްގެ ހާލަތު އޮތް ގޮތް ބަލައިލުން އެއީ ވަރަށް ބުއްދުވެރިކަމަކަށް ވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ފަހުން ކުރަން ޖެހިދާނެ ހިތާމެ ވެސް ކުޑަވާނެ އެވެ.
"މިސާލަކަށް އިންޑިއާގެ ވަކި ރީޖަން ތަކެއްގައި އަދިވެސް ހަމަ ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
ވެކިސިނުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިިބުނު ނަމަވެސް މާސްކު އެޅުން އަދިވެސް އާދަކުރަން ޖެހެ އެވެ. ދަތުރުކުރާއިރު ހޫނުވެ ދާހިތްލައި މާސްކު ތެމިއްޖެ ނަމަ އޭގެން ލިބެން ޖެހޭ ރައްކާތެރިކަމަށް ވުރެން ނުރައްކާ ބޮޑު ކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރެ އެވެ. އަދި ދަތުރުކުރާއިރު އަބަދުވެސް މަދު ނުވާނެ ވަރަށް އަތުގައި މާސްކު ބެހެއްޓުމަކީ ބުއްދިވެރިކަމެކެވެ.
ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެވަނަ ހަތިޔާރަކީ ހޭންޑް ސެނިޓައިޒާ އެވެ. އާންމުކޮށް ދަތުރުކުރާ ކޮންމެ ތަނެއްގައި ވެސް ސެނިޓައިޒާ ލިބެން ހުރި ނަމަވެސް އަތުގައި ސެނިޓައިޒަރު ފުޅިއެއް ބޭއްވުމަކީ މިހާރު އަސާސީ ކަމެކެވެ. ބޭނުން ޖެހިއްޖެ ހާލަތަކަށް ވިސްނާފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ބޮޑެތި މީހުނަށް ވެކްސިން ދިނުމަށްފަހު ބަންދުން ވީއްލި ނަމަވެސް ކުޑަކުދީންނަށް ދެވޭނެ ވެކްސިނެއް ނެތެވެ. އެހެން ކަމުން އެ ކުދިން ގޮވައިގެން ދަތުރުކޮށް އީދު މަޖާ ނަގާއިރު ވަރަށް ބޮޑަށް ވިސަނަން ޖެހޭނެ އެވެ.
އެގޮތުން ކުޑަކުދިން ގޮވައިގެން ދަތުރުކުރާއިރު އަބަދުވެސް ވައި ރަނގަޅަށް ދައުރުވާހެން ވެންޓިލޭޝަން ރަނގަޅު 'ސްޕޮޓެއް' ހިޔާރު ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް މާސްކު ނާޅައި ގިނަ މީހުން ގިނަ ވަގުތު ހޭދަކުރާ ރެސްޓޯރެންޓް ފަދަ ތަންތަނަށް ދާއިރު އެކަމަށް ސަމާލުވުމަށް މާހިރުން ވިދާޅުވެ އެވެ.
ދެން އޮތީ ހައި ރިސްކު މީހުނެވެ. ކޮވިޑްގައި ހާލަތު އެންމެ ސީރިއަސްވާ މީހުނެވެ. ހިތާއި ފުއްޕާމެއާއި ކިޑްނީއާއި ހަކުރު ބަލި ހުންނަ މީހުންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެގޮތުން ދަތުރަށް އެރުމުގެ ކުރިން ހަކުރު ބަލި ހުންނަ މީހުން ހަކުރު ހުރީ ކޮންޓްރޯލް ވެފައިތޯ ބެލުން މުހިންމު ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި އެ ބަލިތައް ހުންނަ މީހުންނަކީ ދާއިމީ ގޮތެއްގައި ބޭސް ބޭނުން ކުރާ މީހުން ކަމަށް ވުމުން މަދު ނުވާ ވަރަށް އަބަދުވެސް އަތުގައި ބޭސް ބެހެއްޓުން ބުއްދިވެރި އެވެ.
"ކޮންމެވެސް ވަރަކަށް އިމަޖެންސީ ބޭސް ގެންދަން ވާނެ. އޭގެ މާނައަކީ ޕެރެސެޓަމޯލް ވިޔަސް ލޮނުޕެކެޓް ވިޔަސް. ދެން ހާއްސަކޮށް ކުޑަކުދީންނާ އެކު ދަތުރުކުރާއިރު ތަންތަން ކަނޑައިގެން ގޮސް އެކަހަލަ ކަންތައްތައް ވެސް ވާނެ. އެހެންވީމަ ބެޑަޓިން ސޮލިއުޝަން ކަހަލަ އެއްޗެހި ހިޔާރުކުރުން ރަނގަޅު،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
އޭގެ އިތުރުން އަވީގައި އުޅޭ އިރު ސަން ސްކްރީން ލޯޝަނާއި މަދިރިން ރައްކާތެރިވުމަށް ވެސް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ. ކުޑަކުދީން ގޮވައިގެން މޫދަށް އެރިއުޅޭ އިރު ކަރުންމަތީގެ ރައްކާތެރިކަމަށް ސަމާލު ކަން ދިނުމަކީ ވެސް ބޭނުންތެރިކަމެކެވެ.
"ހާއްސަކޮށް ހައިރިސްކު މީހުނާއި ވެކްސިން ނުޖަހައި ތިބި މީހުން ހަމަ ރަނގަޅީ ކޮންމެހެން ބޭނުން ނުވަންޏާމު ހައި ރިސްކު ތަންތަނަށް ނުދިއުން. ނޫނިއްޔާ ކޮވިޑް ފެތުރިގެންދާ ތަންތަނަށް ދަތުރު ނުކުރުން،"
ބޮޑު ޗުއްޓީއާ އެކު މި ލިބުނު އީދު ބަންދުގައި، ދެ ލޯ މަރާލައި ހައްދެއް ނެތް މިންވަރަށް މަޖާ ނަގައިފި ނަމަ އަނެއްކާ ވެސް އިތުރު ބަންދެއްގައި 'ތާށި' ވުމުގެ ފުރުސަތު ބޮޑެވެ. ކޮވިޑް ފެތުރުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބޮލާލައި ޖަހައިގެން ކޭސްތައް އިތުރުވެއްޖެ ނަމަ، ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެހެން ނޫނީ އަނެއްކާވެސް ލޯބިވާ އެތައް ބަޔަކު އަހަރަމެންނާ ވަކިވެދާނެ އެވެ.
"ވިސްނާލަންވާނެ ދެން އޮތީ ސުކޫލް ހުޅުވޭ ދުވަސްވަރުކަން. އިތުރަށް އެއްވެސް ހިސާބެއްގެ ކޭސްތައް އިތުރުވަންޏާ ހަމަ އަނެއްކާ ވެސް ސުކޫލް ހުޅުވުމަށް ބުރޫ އަރައިފާނެ. އެހެންވީމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ވިސްނަން ވާނެ،" ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
އެހެން ކަމުން ކޮވިޑުގެ ހިޔާލުތަކުން ދުރުވެލައި ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ދީ ހިންދެމިލަން މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމެވެ. ކޮވިޑުގެ ހިޔާލުތަކުން ދުރުވި ނަމަވެސް 'ނިއު ނޯމަލް' ހަނދާން ނައްތައި ނުލައްޗެވެ!.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް