ކޮވިޑާއި ގުޅިގެން މުޅި ރާއްޖެ ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަހު އޮތީ ބަންދެއްގަ އެވެ. މިދިޔަ އަހަރު ދިވެހީންނަށް އެއްވެސް ވަރަަކަށް އީދު ފީލް އައިސްފައެއް ނުވެއެވެ. މިއަހަރުގެ ފިތުރު އީދުވެސް ދިޔައީ ލޮނުމަޑުކޮށެވެ. މާބޮޑު ހަރަކާތްތަކެއް ނެތެވެ. އަތޮޅުތެރެއަށް އީދެއް އައިސްގެން އުޅޭކަމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް އާބާދީގެ ބޮޑު ބަޔަކު ދިރިއުޅޭ މާލެ އޮތީ ބަންދެއްގަ އެވެ.
މީގެ ކުރިން އީދުތަކުގައި މާލެއިން ރަށްރަށަށް ދިއުން އޮތީ އުނދަގޫ ކަމަކަށް ވެފައެވެ. ޒަރޫރީ ކަމެއްގައި ދިޔަސް ދެވެނީ ކަރަންޓީން ވާ ގޮތަށެވެ.
ނަމަވެސް މި ފަހަރުގެ ބޮޑު އީދާ ދިމާކޮށް މިވަނީ ބޮޑެތި ލުއިތައް ދީ ވެކްސިން ފުރިހަމަ ކުރި މީހުންނާއި ބަލިން ރަނގަޅުވެފައިވާތާ ދެ މަސް ނުވާ މީހުންނަށް ކަރަންޓީނާއި ނުލައި ދަތުރު ކުރެވޭނެ މަގުފަހުކޮށްދީފައެވެ. އެއާއެކު، ގިނަ ބަޔަކު މިވަނީ، ތޮއްޖެހިފައިވާ މާލޭގެ، މާހައުލުން ނުކުމެ، ރަށްރަށުގެ އަމާން އަދި ހިތްފަސޭހަ މާހައުލަށް ގޮސްފައެވެ.
އީދު ބަންދާއި މިނިވަން ދުވަސް މިއައީ ވަރަށް ގާތްގާތުގައެވެ. އެހެންވެ ސަރުކާރުން ވަނީ އެ ދެ މުނާސަބަތަށް ބޮޑު ޗުއްޓީއެއް ދީފައެވެ. އެގޮތުން ފުރަތަމަ މި މަހުގެ 18 އާއި 25 ބަންދުކުރަން ނިންމިއެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ސަރުކާރު ހުޅުވަން ނިންމައި، ބަންދުގެ މުއްދަތު 16 ދުވަހަށް ދައްމާލައިފަ އެވެ.
ވެކްސިންގެ ޑޯޒް ފުރިހަމަކުރިތާ 14 ދުވަސްވީ މީހުންނާއި ކޮވިޑުން ރަނގަޅުވިތާ ދެމަސް ނުވާ މީހުންގެ އިތުރުން ކަރަންޓީން ވުމަށްވެސް ގިނަ ބަޔަކު އަތޮޅުތެރެޔަށް ގޮސްފައިވެއެވެ. ކިރިޔާވެސް ގޮތެއް އޮތް މީހެއް ނަމަ މާލޭގައި މިފަހަރު އީދުގައި މަޑުކުރަން ބޭނުމެއް ނުވެއެވެ. އެންމެންވެސް އެދިއެދި ތިބީ، ދުވަސްގަނޑަކަށް ފަހު އަނެއްކާވެސް އީދުގެ އުފާ ހާސިލު ކުރުމަށެވެ. ލޯބިވާ އާއިލާއާއި ރައްޓެހީންނާ އެކު ވަގުތު ހޭދަކުރުމަށެވެ. މި އުފާ، ހާސިލު ކުރުމަށް އެތައް ހާސް ބަޔަކު އަތޮޅުތަކަށް ގޮސްފައިވާއިރު މޮނީޓަރިންގައި ނެތް ހުރިހާ ރަށަކުންވެސް ވަނީ އީދަށް ފުރިހަމަ ތައްޔާރީތައް ވެފައެވެ. ބައެއް ރަށްރަށުގައި އީދުގެ ފޯރި އިންތިހާއަށް ގަދައެވެ.
މި ފަހަރުގެ އީދުގައިވެސް އެކިއެކި ސަބަބުތަކާ ހުރެ މާލޭ ސަރަހައްދުން ބޭރަށް ނުދެވޭ މީހުންނަށް އީދުގެ ފޯރި އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ފުރުސަތެއް ނެތެވެ. ލުއިތައް ދިން ނަމަވެސް މާލޭ ސަރަހައްދުގައި 30 މީހުންނަށް ވުރެ ގިނައިން މީހުން އެއްވެގެން ހަފުލާތަކާއި ޝޯވތައް ބޭއްވުން އަދިވެސް އޮތީ މަނާކޮށްފައެވެ. ހަފުލާއެއް ބޭއްވިޔަސް ބޭއްވޭނީ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ މީހުންނަށް މިފަހަރުގެ އީދުގައިވެސް ގޮތެއް ނެތެވެ. މާޔޫސް ކަމާއެކުގައި އީދުގެ ފޯރިން އެއްފަރާތްވުން ނޫން ގޮތެއް މިފަހަރުވެސް ނެތެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ނަސީބު މިފަހަރުވެސް މާލޭގައި ތިބި މީހުންނަކަށް ނުލިބުނެވެ.
މާލޭގައި އުޅޭ މީހުންނަށް ދެން އޮތް އެންމެ ބޮޑު ދެރައަކީ މާލެއާ ގާތުގައި ވެސް ފަސޭހައިން ގޮސްލެވޭ ހިކިފަސްތަކެއް ނެތުމެވެ. ފިނޮޅެއް ރަށެއް ނެތުމެވެ. ދަތުރު ކުރެވޭނެ އަގުހެޔޮ ނިޒާމެއް ނެތުމެވެ. ކޮންމެވެސް ވަރަކަށް ފިނޮޅު ހުއްޓަށް އެތަންތަނުގައި އެއްވެސް ހިޔަލެއް ނެތުމުން އެއީ އާއިލާތަކަށް ކުދީން ގޮވައިގެން ދާން އެކަށީގެންވާ ތަނެއް ނޫނެވެ. އުމުރުން ދުވަސްވީ މީހުންނަށްވެސް ކަމުދާ ތަނެއް ނޫނެވެ. މާލެ ކައިރީގައި ހުރިއްޔާ ހުރި ހުރިހައި ފަޅުރަށެއް ހުރީ ވިޔަފާރިވެރީންގެ އަތުގަ އެވެ. އެއިން ތަނަކަށް ދެވޭނީ އެމީހުންގެ ގާތް މީހުންނަށެވެ. ނުވަތަ އަތް ނުފޯރާ ވަރުގެ ބޮޑު އަގު ދީގެންނެވެ.
އެޗްޕީއޭއިން ދިން ލުއިތަކާއެކު އީދަށް އެތައް ބަޔަކު އެކިތަންތަނަށް ފުރައިގެން ގޮސްފައިވާއިރު، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް ބޭއްވުމަށް ވަނީ އެދިފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން ގޮސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ލުއިތަކާއެކު އެޗްޕީއޭގެ އިލްތިމާސްތަކަށްވެސް ސަމާލުކަންދޭން އެބަ ޖެހެއެވެ. ނޫން ނަމަ އަނެއްކާވެސް ހާލަތު ގޯސްވެ، އުނދަގޫ އެހެން ނަމަވެސް ބޮޑެތި ފިޔަވަޅުތައް އެޅުމަކީ ގާތް ކަމެކެވެ. އަތޮޅުތެރެޔަށް ދަތުރުކުރި މީހުންނާއި އަތޮޅުތެރޭގައި އުޅޭ މީހުންގެ އަރުތެރޭގައި މިފަހަރުގެ އީދު އުފާގެ ރަހަ ލީ ނަމަވެސް މާލޭގައި ތިބި މީހުންނަށް މި ފަހަރުވެސް އީދު ފީލެއް ނެތެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް