ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ބިނާކުރަނިވި ރައީސް ކަމަށާއި 2023ގެ ރިޔާސީ އިންތިހާބު އެމަނިކުފާނު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީނަށް ވައްޑެ ތައުރީފުކުރައްވާފައިވާ އިރު، މީގެ ކުރިން އޭނާ ވަނީ ރައީސް ޔާމީނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ވައްޑެއަށް މަޖިލީހުގެ ގޮނޑި ގެއްލުމުން، އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް ލޯޔަރު ވައްޑެ މަސައްކަތްކުރެއްވިއެވެ.
ވައްޑެ ވިދާޅުވީ ގައުމު ބިނާކުރެއްވި ރައީސް، އެތައް ގުރުބާނީތަކެއްވީ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފިކުރާއި ހިޔާލު ބޭނުންކޮށްގެން ނޫން ގޮތަކަށް ގައުމެއް ހިންގެން ނެތްކަން މިއަދު މިއޮތީ ވަރަށް ސާފުކޮށް ފެންނަން ކަމަށެވެ.
"ކޮންމެ ބަޔަކު، ކޮންމެ ވާހަކައެއް ދެއްކިކަމުގައިވީ ނަމަވެސް، އެމަނިކުފާނު ރީއްޗަށް ގެންގުޅުއްވައިގެން، އެމަނިކުފާނު ރީއްޗަށް މިނިވަންކުރައްވައިގެން، އެމަނިކުފާނުގެ ހިޔާލު ގެންގުޅުއްވައިގެން މިގައުމު އަދިވެސް ކުރިއަށްގެންދިއުމުގެ ޖާގަ އޮތަތީވެ، 2023 ވަނަ އަހަރުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެކަމަށްޓަކައި ގުރުބާނީތަކެއް ވެގެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށް ދަންނަވަން. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަތީ ވަނައަކުން، މަތީ ޕަސަންޓަކުން އިރާދަކުރެއްވިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން 2013ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމްއާއެކު މަސައްކަތްކުރެއްވި ވައްޑެ ވިދާޅުވީ ރައީސް ޔާމީން ވެރިކަމެއް ކުރެއްވުމުގައި، ގައުމެއް ބިނާކުރައްވައި ގައުމުގައި ފަނާކުރަނިވި ހުރިހާ ކަމެއް ދުރުކުރައްވަމުން، އެކިއެކި ބޭރު ގައުމުތަކުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކުރައްވަމުން، ދީނީ ވަހުދަތު ރައްކާތެރިކުރައްވަމުން އޭރު އެ ގެންދެވި ގޮތް މިހާރު އަޅައިކިޔައިލީމާ ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އީދުގެ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި އައިސް ހުއްޓި ހުރުމަކީ އެއީ ކުޑަ ހަދިޔާއެއްގެ ގޮތުގައި ނުދެކޭނެ. އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ނުކުތިން. އެހާ ހިސާބުން އަޅުގަނޑުމެންގެ ގެއިން އަޅުގަނޑުމެން ބޭރުކޮށްލީ. އަނެއްކާ އަޅުގަނޑުމެން މިއޮތީ އަޅުގަނޑުމެންގެ ގެއަށް ވައްދާފައި. އެހާ ހިސާބުން އަޅުގަނޑުމެން އަނެއްކާވެސް މަސައްކަތްތަކެއް ފަށައިގަންނަ އިރުގައި ގެއަށް އައިސް ވަދެ، އެއީ ފަތްޖެހި އެނދެއްގައި ނިދަން ކަމުގައިވީ ނަމަވެސް ފަސޭހަކަމާއެކު ނިދާލެވޭނެ. އެއީ މިނިވަންކަމެއް އޮންނާތީ،" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ތަހުގީގެއް ކުރާ އިރުގައި އެ ތަހުގީގަކާ، ދައުވާއެއް ކުރާ އިރުގައި އެ ދައުވާއަކާ، ހުކުމެއް ކުރާ އިރުގައި އެ ހުކުމަކާ ނުގުޅޭ ކަމުގައިވަންޏާ އެންމެންވެސް ކިޔާނީ އެއީ ހައްގު ނޫން ހުކުމެއް ކަމަށެވެ.
"އެ ސަބަބަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމަކީ އަދި ޖަލުގައި ހޭދަކުރައްވަން ޖެހިފައިވާ ހޭދަކުރެއްވުމަކީ ނުވަތަ ބަންދުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ޖެހިވަޑައިގަތުމަކީ އެއީ ގަބޫލުކުރެވޭނެ ރަނގަޅު ހުކުމެއް ނޫން ކަމަށް ފެނިވަޑައިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ ގެންދަނީ އިންތިހާއަށް މަސައްކަތްތަކެއް ކުރައްވަމުން،" އޭނާ ވިދާޅުވިއެވެ.
ލޯޔަރު ވައްޑެގެ އިތުރުން ރޭ ވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު