މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލިީ ކުޑަ ކުޑަ ވައިރަސް އެކެވެ. ނަމަވެސް ނުރައްކާތެރިކަން ބޮޑެވެ. މިބަލިމަޑުކަމުގައި އުޅޭތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޗުއްޓީއެއް އީދެއް އެހެން ދުވަހެއް ވަތްކެއް ނުވެ އެވެ. ރަށްރަށަށް ދިޔަ މީހުން އެ ރަށްތަކުގައި ތާށިވެފަ އެވެ.
މިދިޔަ އަހަރުގެ ބޮޑު އީދު ދިޔައީ ގޭތެރޭގަ އެވެ. ނަމަވެސް މިފަހަރުގެ ބޮޑު އީދުގައި ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅަފަ އެވެ. އެކަމަކު ކޮވިޑު އައުމުގެ ކުރިން ނެގިހާ ފޯރި އާއި ޖޯޝުގައި ގިނަ މީހުން ބައިވެރިކޮށްގެން އެއްވެގެން ކުޅިވަރު ހަރަކާތްތައް ނުބާއްވަން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަތޮޅުތަކަށް ބަލި ފެތުރިދާނެތީ ރާއްޖެއިން ބޭރަށް ދާ މީހުންވެސް މަދެއް ނޫނެވެ.
"އަސްލު ބޮޑަށް ބޭނުންވީ ރަށަށް ދާން. އެކަމަކު ރަށުގަ ބަލި އޮތީމަ މޮނިޓަރިންގަ އޮތީވެސް. ދެން ޖެހިލުން ވޭ ދާންވެސް. އެހެންވެ މިފަހަރު ބޭނުންވީ ރާއްޖެއިން ބޭރަށް ދާން. އާއިލާއާ އެކީ ބޭރަށް ދާން ޕްލޭން ކުރާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ކޮވިޑުގެ ބިރުވެރިކަމާ ހެދި ނުދެވުނީ. އެކަމަކު މިފަހަރު އީދަށް ދާން ބޭނުންވީ ބޭރަށް." މިނިވަން ދުވަހުގެ ބަންދާއި ބޮޑު ޗުއްޓީ ވެސް އެކީ އެކައްޗަށް ލިބުމުން ބޮޑު ބަންދު ފާހަގަ ކުރަން ބޭރަށްދާން ފޮށި ބަނދެގެން ހުރި މީހަކު "ވަން" އަށް ބުންޏެވެ.
ރިޒޯޓު ވަޒީފާގައި އުޅޭ ގިނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އަނބިދަރީންނާއި އާއިލާ ގާތަށް ނުދެވޭ ކަމުގެ ޝަކުވާ އެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރި މީހުންނާއި ބަލި ޖެހި ރަނގަޅުވިތާ ދެ މަސް ނުވާ މީހުންނަށް ދިން ލުޔާއެކު އަނބިދަރީންނާއި އާއިލާ މީހުން ރިޒޯޓަށް ގެނެވޭތީ ބައެއް މުވައްޒަފުން ތިބީ އުފަލުންނެވެ.
"ކޮވިޑާ ހެދި ކުރިން އުޅުނު ރިސޯޓު ވަޒީފާ ގެއްލުނު. އެ ރިސޯޓުގައި މަސައްކަތް ކުރި އިރު ޗުއްޓީތަކުގައި ދަރީންނާއި އަނބި މީހާ އަދި އާއިލާގެ ބައެއް ކުދިން ގެންދަން. އެކަމަކު މިހާރު މި މަސައްކަތް ކުރާ ރިސޯޓަށް އައިތާ ހައެއްކަ މަސް ވީއިރުވެސް ދަރިން ލޮލަށް ނުފެނޭ. އާއިލާއާ ބައްދަލެއް ނުވޭ. ވަރަށް ޝަކުވާ ކުރޭ ރިސޯޓަށް ނުގެންދެޔޭ ކިޔާފަ ދަރިން. އެހެންވެ ދެން މިހާރު ފެމިލީ ރިސޯޓަށް ގެންދަން ނިންމީ. ރިސޯޓު މާ ސޭފްވެފަ ހިތްހަމަ ޖެހޭނެތީ." ލިބުނު ޗުއްޓީގައި އަނބިދަރީންނާއި އާއިލާއާއެކު ރިސޯޓުގައި އީދު ފާހަގަ ކުރަން ނިންމާފައިވާ މީހަކު ބުންޏެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ރައްޓެހިން ބުނަމުން އަންނަނީ ދިވެހިންނާ އެކު މުޅި ރިސޯޓު ފުރިފައިވާ ކަމަށެވެ. މާލޭގެ ހަލަބޮލި މާހައުލުން ސާފު ނޭވާއެއް ބޭރަށް ލުމަށް ގިނަ ބަޔަކު ދަނީ ރިސޯޓުތަކަށެވެ.
ދެން އޮތީ ނަސަންދުރަ ކުރިމަތީގައި އޮންނަ ލަގެޖްތަކުގެ ކިޔޫފަތީގެ ވާހަކަ އެވެ. މާލެ ހުޅުމާލެ އަދި ހުޅުލެ ބުރިޖަކުން ގުޅާލައި އެއާޕޯޓަށް ކާރެއްގައި ދެވުނު ނަމަވެސް ގިނަ ބަޔަކު އަދިވެސް ދާން ބޭނުންވަނީ ފެރީގަ އެވެ. އެއީ އާއިލާއަށް އެކީ އެރޭނެ ވަރުގެ ކާރެއް ނުލިބޭތީ ކަމަށްވެސް ވެދާނެ އެވެ.
ފުރަން ގޮސް ހުރި މީހަކާ ވާހަކަ ދައްކާލުމުން އޭނާ ބުނީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން ބޭރަށް ނުދާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އުޅޭ ރައްޓެހީންގެ "ޕްރޮފައިލް ނުވަތަ ސްޓޯރީ" ބަލައިލުމުން ފެންނަނީ ދުބާއީގެ ރީތި މަންޒަރު ތަކާއި ތުރުކީގެ މަންޒަރުތައް ކަމަށެވެ.
"މިދިޔަ އަހަރު މާލެއިން ކޮވިޑު ފެނުމާއެކު އަންހެނުންނާއި ދަރިންކޮޅު ގޮވައިގެން ރަށަށް ދިޔައީ. އޭރު މާލޭގަ އުޅުނު ގެ ޝޯޓް ޓާމް އަށް ކުއްޔަށް ދީފަ. ގޮސްފަ ގާތްގަނޑަކަށް އަހަރުދުވަސް ކޮށްފަ އައީވެސް. ދެން ފުދޭ ވަރަކަށް ފައިސާވެސް ރައްކާކުރެވުނު. އަސްލު ހިއެއް ނުކުރަން އީދަށް ތަނަކަށް ދެވޭނެ ކަމަކަށްވެސް. ރަށުގަ އުޅެފަ އައީމަ ރަށަށް ދާން ބޭނުން ނުވީ. ދެން ހިތަށް އެރީ ލަންކާ އަށް ދާން. އެކަމަކު ދުބާއީ ޓިކެޓް އަގުހެޔޮވެފަ ގިނަ ރައްޓެހިންވެސް ދާތީ ނިންމީ ދުބާއީ އަށް ދާން. ކޮވިޑުގެ ބިރުވެރިކަންވެސް ކުޑަވީމައާވެސް އެކު." އޭނާ ބުންޏެވެ.
ތެދެކެވެ. މީގެ ކުރިން އަތޮޅުތަކުގައި އީދުގެ ފޯރި އާއި ޖޯޝުގައި ކިތަންމެ ކުޅިވަރެއް ބޭއްވި ނަމަވެސް މިހާރު ކޮވިޑުގެ ނުރައްކަލާ ހެދި ކުޅިވަރު ހަރަކާތެއް ބޭއްވޭކަށް ނެތެވެ. އެހެން ކަމުން ގިނަ ބަޔަކު އާއިލާއާއެކު ދަތުރުކަރަނީ ރާއްޖެއިން ބޭރަށެވެ. ނުވަތަ ރާއްޖޭގެ ހިތްގައިމު ރިސޯޓުތަކަށެވެ. ދެވޭ ބަޔަކަށް އެއީވެސް ގޮތެކެވެ. ރަށަށް ދިޔަސް ރިސޯޓަކަށް ދިޔަސް އަދި ރާއްޖެއިން ބޭރަށް ދިޔަސް މުހިންމީ ދުވަސްވަރަށް ހޭނުމެވެ. ބަލައިގެން އުޅުމެވެ. ކޮވިޑަށް ރައްކާތެރިވުމެވެ.