މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި މާދަމާ އަޟުހާ އީދު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްްޓްރީން ބުނީ މާލެ ސަރަހައްދުގައި އަޟުހާ އީދު ނަމާދު ކުރާ 39 މިސްކިތުގެ ތެރެއިން 26 މިސްކިތެއްގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.
އެގޮތުން މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 25 މިސްކިތެއްގަ އެވެ. އަދި ވިލިނގިލީގެ ތިން މިސްކިތެއްގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް އީދު ނަމާދު ކުރެވޭ އިރު ހުޅުމާލޭގެ ނުވަ މިސްކިތެއްގައި އީދު ނަމާދު ކުރާނެ އެވެ. ހުޅުލޭގެ ދެ މިސްކިތުގައި ހަމަ އެކަނި ފިރިހެނުންނަށް އީދު ނަމާދު ކުރެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އަޟުހާ އީދު ނަމާދު ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރެއެވެ. އަދި މިއަހަރުގެ ކުޑަ އީދު ދުވަހުވެސް ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުގެ ކުރިން 2019 ވަނަ އަހަރު އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވެ، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު، އަލުން ޖަމާއަތް ހަދަން ހުއްދަދީފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަދީފައި ވަނީ ގައިދުރުކޮށް ތިބެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު