ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

އުތުރުގެ ތިން ރަށަކަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

އެމްޓީސީސީން ކުރަމުން އަންނަ އެ މަސައްކަތުގައި 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަަސައްކަތް ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާ އަށެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ވަނީ ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހިނގަމުންދާ ގޮތް ބައްލަވާލައްވައިފައެވެ. އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.