ކޮވިޑުގެ ހާލަތު ގޯސްވުމުން ޖަލުތަކަށް ޒިޔާރާތްކޮށް ގައިދީންނާ ބައްދަލު ކުރުން މެދުކަނޑާލާފައި އޮތް އޮތުން ބަދަލުކޮށް އެ ފުރުސަތު ދިނުމަށް ކަރެކްޝަން އިން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ފުރުސަތު ދިނުމަށް ކަރެކްޝަން އިން ނިންމާފައިވާއިރު، އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވަނީ، ގައިދީންނާ ބައްދަލު ކުރުމަށް ބޭނުންވާ ގާނޫނީ ވަކީލުންނާއި އާއިލާގެ ފަރާތްތަކުން، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހެނޭ ކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު 14 ދުވަސް ވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވާއިރު، 72 ގަޑިއިރު ހަމަ ނުވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ވެސް ހުށަހަޅަން ޖެހޭނެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ކޮވިޑަން ރަނގަޅުވުމަށްފަހު ދެ މަސް ހަމަ ނުވާ ފަރާތްތަކަށް ޓެސްޓް ހެދުމަކާ ނުލައި ގައިދީންނާ ބައްދަލު ކުރެވޭނެ އެވެ.

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްފަހަރާ ގައިދީންނާ ބައްދަލުކުރެވޭނެ މީހުންގެ އަދަދު ވެސް މިހާރު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު އެއްފަހަރާ ގައިދީއަކާ ބައްދަލުކުރެވޭނީ އާއިލާގެ ފަސް މެންބަރުންނަށެވެ. ފަހެއް ގުނާއިރު ކުޑަކުދިން ވެސް އިސްތިސްނާއެއް ނުވާނެ އެވެ. އަދި އެއްފަހަރާ ބައްދަލުކުރެވޭނެ ގާނޫނީ ވަކީލުންގެ އަދަދު ވެސް ވަނީ ތިނަކަށް މަދުކޮށްފަ އެވެ.

މާސްކު ނަގައިގެން ގައިދީންނާ ބައްދަލު ކުރާ ނަމަ ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި އެއަށްވުރެން ކައިރިވާ ނަމަ މާސްކް އަޅަން ޖެހޭނެ އެވެ. ގައިދީންނާ ބައްދަލުކުރާ ފަރާތްތަކުން ފެންފުޅި ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ.

އެޗްޕީއޭ އިން ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަަޅުތަކުގެ އިތުރު ކަރެކްޝަން އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ވެއްޖެ ނަމަ އެކުރި އަމަލަކަށް ބަލައި ވަގުތުން ބައްދަލުވުން މެދުކަނޑާލުމުގެ ބާރު ކަރަކްޝަނަށް އޮންނާނެ އެވެ. އަދި އުސޫލާއި ހިލާފުވާ ފަރާތްތައް ޖަލަށް ޒިޔާރަތްކުރުން ދެ މަސް ދުވަހަށް މަނާކުރާނެ އެވެ.

މި ފަހުން ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވެގެން ދިޔައިރު، ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުން ވެސް ވަނީ ގިނަ އަދަދެއްގެ ގައިދީންނާއި ޖަލު އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ޖަލުތަކުގައި މިހާރު ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަރެކްޝަން އިން ވަނީ ބުނެފަ އެވެ.