ޚަބަރު

އެމްޑީޕީގެ އަސާސްތަކާ ސަރުކާރުން ހިލާފުވެއްޖެ: އެމްޑީޕީ ޒުވާނުންގެ ހިތްވަރު

މުއާވިޔަތު އަންވަރު

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ އަސާސްތަކާ ސަރުކާރުން ހިލާފު ވެފައިވާ ކަމަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުން ބުނެފި އެވެ.

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގުސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލައި ނުޖެހުމަށް އެ ޕާޓީގެ ރައީސް, އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ތާއިދުކުރާކަން ހާމަކޮށް ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ، ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށްގެން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ނަފުރަތުގެ ބިލު ދިފާއު ނުކުރުމުން ޒުވާނުންގެ ހިތްވަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަން ސަރުކާރުން ކޮށްފައި ނުވަނީ، އިއްތިހާދުގައި ހިމެނޭ ބައެއް އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

"ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފުރަތު އުފެއްދުން ހުއްޓުވައި އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތައިލުމަކީ މިޕާޓީގެ އަސާސްތަކާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް މިޕާޓީގެ ޒުވާނުންގެ ހިތްވަރުން ދެކެމެވެ،" ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކުރުމަށް ގޮވާލައި އެ ބަޔާނުގައި ވަނީ، ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމު ކުރުމަށް ވެސް ގޮވާލައިފަ އެވެ.

އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ގޮތް ނޭނގި ގެއްލުވާލައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެ ކަމުގެ ވައުދަކީ އެ ޕާޓީގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއެކު އެމީހުންގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވައި, އެމީހުންނާ މެދު މުޖުތަމައުގައި ނަފުރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތް ކަމަށް ވެސް ޒުވާނުންގެ ހިތްވަރުން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި، ގާނޫނުލް އުގޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާމެދު ނަފުރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.