ކުރިއަށް އޮތް ޓޯކިއޯ އޮލިމްޕިކްސްއަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު ކުޅުންތެރިޔަކަށް ނަސްލީ ތަފާތުކުރުން އަމާޒުވުން ޓީމު އެއްކޮށް ދަނޑުން ފައިބައިފިއެވެ.
ޖަރުމަނުން ހޮންޑޫރަސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ބާކީ ފަސް މިނެޓު އޮއްވައި ޓީމު އެއްކޮށް ދަނޑުން ފޭބީ އެޓީމުގެ ޑިފެންޑަރު ޖޯޑަން ޓޯރުނާޖިއާއަށް ނަސްލީ ތަފާތުކުރުން އަމާޒުވުމުންނެވެ. ސަޕޯޓަރުންނާ ނުލައި 30 މިނެޓުގައި ތިން ހާފަކަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިފައިވާއިރު، ޖަރުމަނު ގައުމީ ޓީމުން ވަނީ އެ ހާދިސާ ހިނގިކަން ޔަގީންކޮށްދީ ޓުވީޓް ކޮށްފައެވެ. ޓޯރުނާޖިއާއަކީ ހާތާ ބާލިންއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އޭނާ މިދިޔަ ސީޒަންގައިވެސް ވަނީ އެޓީމަށް 14 މެޗު ކުޅެފައެވެ.
އުމުރުން 23 އަހަރުގެ ޓޯރުނާޖިއަށް ނަސްލީ ތަފާތުކުރުން އަމާޒުވި ކަމަށް ޖަރުމަނުން ބުނި ނަމަވެސް ހޮންޑޫރަސްއިން ޓުވީޓް ކޮށްފައިވާ ގޮތުގައި އެއީ އޮޅުމެއްގެ ތެރެއިން ދިމާވި ކަމެކެވެ.
ޖަރުމަނުން އޮލިމްޕިކްސްއަށް ދާ ޓީމުގެ ކޯޗު ސްޓެފަން ކުންޓްސް ބުނެފައި ވަނީ ޓީމުގެ އެއް ކުޅުންތެރިޔަކަށް ނަސްލީ ތަފާތުކުރުން އަންނަ ހިސާބުން ޓީމު ދަނޑުމަތީގައި ތިބުމަކީ ހަމަޖެހޭ ވިސްނުމެއް ނޫން ކަމަށެވެ. ޖަރުމަނުން އޮލިމްޕިކްސްއަށް ދާ ޓީމުގެ ކޯޗު ކުންޓްސްއަކީ ކުރިން 1993 އިން 1997 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔެކެވެ.
ޖަރުމަނުން އޮލިމްޕިކްސްގެ ފުރަތަމަ މެޗުގައި ޖުލައި 22 ވަނަ ދުވަހު ބްރެޒިލާ ދެކޮޅަށް ނުކުންނާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު