އެކަކު އަނެކަކަށް ވުރެ މޮޅުވެވޭނީ ތަގުވާވެރިކަމުގެ ސަބަބުން ކަމަށާއި މި އުންމަތަށް އިއްޒަތާއި ގަދަރު ލިބުނީ އިސްލާމްދީނުގެ ސަބަބުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މީހެއްގެ ނަސްލުގެ ސަބަބުން ނުވަތަ ކުލައިގެ ސަބަބުން ނުވަތަ ޖިންސުގެ ސަބަބުން ނުވަތަ ގަބީލާގެ ސަބަބުން ނުވަތަ ރަށުގެ ސަބަބުން އެއްވެސް މީހަކަށް މޮޅުކަމެއް ނެތް ކަމަށް ރަސޫލާ ހަދީޘްކުރައްވާފައިވާ ކަމަށެވެ.

އެކަކު އަނެކަކަށް ވުރެ މޮޅުވެވޭނީ ތަގުވާވެރިކަމުގެ ސަބަބުންނެވެ. މި އުންމަތަށް އިއްޒަތާއި ގަދަރު ލިބުނީ އިސްލާމްދީނުގެ ސަބަބުންނެވެ. މި ދީން ﷲ ފުރިހަމަކޮށްދެއްވީ، މި ބަރަކާތްތެރި މަހުގެ ނުވަވަނަ ދުވަހުއެވެ. ކީރިތި ރަސޫލާ ވެވަޑައިގެންނެވި މި ހައްޖަށް، ހައްޖަތުލް ވަދާއުގެ ނަން ދެވިފައިވެއެވެ. އެ ދުވަހު ނަމިރާގައި ހުންނަވައި، ލޮބުވެތި ރަސޫލާ، އެކަލޭގެފާނުގެ އުންމަތަށް ވަރަށް މުހިންމު ހުތުބާއެއް ދެއްވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ އެ ހުތުބާގައި، ﷲ ގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުންމަތަށް އަމުރުކުރައްވާފައިވާ ކަމަށާއި އެ ހުތުބާގައި އިސްލާމްދީނުގެ އުސޫލުތަކާއި އެ ދީނުގެ ގަވައިދުތައް ބަޔާންކޮށް ދެއްވާފައިވާ ކަމަށެވެ.

"އޭގެ މަތީގައި ބިނާކުރެވޭ އަހުލާގީ ގާނޫނުތަކުގެ އަސާސްތަކާއި، އޭގެ މަތީގައި އާއިލާ ބިނާކުރެވޭ ތަނބުތަކުގެ ތަރަހަ ބަޔާންކޮށްދެއްވާފައިވެއެވެ. މި ހުތުބާގައި ޖާހިލީ ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، އެ އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވިއެވެ. އަޅުގަނޑުމެންގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މި ހުތުބާގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި އިބުރަތްތައް ހާސިލުކުރަން މިއަދު ވަނީ ޖެހިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

އެއްވެސް މީހަކަށް ގޯނާއެއް، ގެއްލުމެއް ފޯރިޔަ ނުދީ، މުޖުތަމައުއާއި ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ޖޯޑު ކުރުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.