އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށާއި، އޭނާ ޕީއެސްޖީއަށް ދާން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ކުރިން އިޓަލީ ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ އެންޓޯނިއޯ ކައްސާނޯ ބުނެފިއެވެ.

ޑޮނަރޫމާ ޕީއެސްޖީއާ ގުޅުނު ކަން އިއްޔެ އެ ކްލަބުން ރަސްމީކޮށް އިއުލާން ކޮށްފައިވެ އެވެ. ޔޫރޯއަށް ދިޔުމުގެ ކުރިންވެސް ޑޮނަރޫމާ ޕީއެސްޖީއާ ގުޅުމަށް އެއްބަސްވެފައި އޮތްއިރު، އޭނާ ފެނުނީ ޔޫރޯގެ ތަރިއެއްގެ ގޮތުގައެވެ. އިޓަލީއާއެކު ޔޫރޯ ހޯދައި، މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާ ޑޮނަރޫމާ ހޯދާފައިވާއިރު، އިޓަލީއާއެކު މިހާތަނަށް 33 މެޗު ކުޅެފައިވެއެވެ. ޔޫރޯގެ ގްރޫޕް ސްޓޭޖު ގޯލެއް ނުވައްދައި ނިންމާލާފައިވާއިރު، އޭނާގެ ކޮޅަށް ޖުމުލަ ވަނީ ހަތަރު ގޯލެވެ. މުބާރާތުގައި ވަރުގަދަ ނުވަ ސޭވެއް ކޮށްފައިވެ އެވެ. އިސްކޮޅުން ދިގު ބޮޑު ގޯލްކީޕަރެއް ނަމަވެސް ޑޮނަރޫމާ ފެނުނީ އާދަޔާ ހިލާފަށް ހަލުވިކޮށް ބިންމައްޗަށް ތިރިވެ ސޭވްތައް ކުރާ ގޯލްކީޕަރެއްގެ ގޮތުގައެވެ. އެކަން އިޓަލީގެ ޕެނަލްޓީ ޝޫޓްއައުޓްތަކުން ޔަގީންވެސް ވެއެވެ.

އުމުރުން އެންމެ 22 އަހަރުގައި ޑޮނަރޫމާ ޕީއެސްޖީއަށް ބަދަލުވީ އޭސީ މިލާނަށް 200 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ސެރެއާ އޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދައި އޭސީ މިލާނަށް މިދިޔަ ސީޒަންގައި ލީގުގެ ދެވަނަ ހޯދައިދިނުމަށް މުހިއްމު ރޯލެއް އަދާކުރި ޑޮނަރޫމާއަށް މުޅި ޔޫރަޕްގެ ހުރިހާ ބޮޑެތި ކްލަބުތަކެއްގެ ލޯ އަމާޒުވެފައި އޮތްއިރު، ޔޫރޯއަށް އޭނާ ދިޔައީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭސީ މިލާންގެ ކޮންޓްރެކްޓް ހަމަވެފައި އޮތުމުންނެވެ.

"ކީއްވެ ޕީއެސްޖީއަށް ދާންވީ؟، ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަށް ވުމުން ރެއާލް އާއި ބާސާ އަދި ބަޔާން ފަދަ ކްލަބުތަކުން ގެންދަން މަސައްކަތް ކުރާނެ. އެއީ ބޮޑެތި ބާރުތަކަކީ. ނޯޔާ އެހުރީ 36 އަހަރު ބަޔާންގައި. ދެން ބަލާ ކޯޓުއާ އާއި ޓާ ސްޓާގަން. ބަލަންވީ އޭގެން ގޯލްކީޕަރެއްގެ މައްޗަށް ކުރި ހޯދައި ބޮޑު ކްލަބަކަށް ދާން. ޕީއެސްޖީއަށް ދިއުން ނުވިސްނޭ،" ކައްސާނޯ ބުނެފައިވެއެވެ.

ކައްސާނޯގެ ވިސްނުމުގައި ޔޫރަޕްގައި އަދިވެސް ކާމިޔާބު އޮތީ ޒަމާންވީ ބޮޑު ކްލަބުތަކުގެ ގޮތުގައި ގުނާ، ރެއާލް އާއި ބާސާގެ އިތުރުން ބަޔާން ފަދަ ކްލަބަކަށް ގޮސްގެންނެވެ. އެއީ އަދިވެސް އެެލީޓް ދަރަޖައިގެ ކްލަބުތައް ކަމަށް އޭނާ ސިފަކޮށްފައިވެ އެވެ.