ސިޔާސީ ގޮތުން މުޅިން ދެ ފިކުރެއްގައިވާ އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީތެރިކަމަށް އެދުމަކީ އެމްޑީޕީ އަށާއި ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންނަށް އޮޅުން އަރާތީ އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ އިއްތިހާދު އުފެދޭއިރު ޕީޕީއެމަށް ބަދަލުތަކެއް ގެނެވެން ޖެހޭ ކަމަށެވެ. އެގޮތުން އެ ގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާ ދުރު، އަދި ނަފުތަރުގެ ބިލަށް ތާއީދު ކުރެވޭ އަދި މިޔުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލު ތަކަކަށް ވާން ޖެހޭ ކަމަށެވެ.
އިއްތިހާދެއް އުފައްދަން ޖެހެނީ އެ ހަމަތަކުގައި އެއްބަސް ވެވޭ ސަރުކާރެއް އުފެއްދުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ މެންބަރުން ހިތްހަމަ ނުޖެހުނަސް، ދީނީ މެދުމިނަށް ތާއީދު ކުރާ ނަމަ ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެއްވެސް ފެކްޝަނަކާ އެކު އެޕާޓީން ޑީލެއް ނަހަދާނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ސަރުކާރާ އެކު ވެސް އަދި ނަޝީދާ އެކު ވެސް ހަދާނެ ޑީލެއް ނޯންނާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެންބަރަކު ރައީސް ސޯލިހާ ޒާތީ ނުވުމަށާއި ރައީސް ސޯލިހަށް ގެއްލުން ވާ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ވެރިކަން ބޭނުންފުޅުވާކަމަށް ވެސް މީގެކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އެގޮތުން 2023 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު