ޚަބަރު

ފޮރިން މިނިސްޓްރީ އިމާރާތާއި ގުޅިގެން ރައީސްގެ ޝުކުރު ޗައިނާގެ ރައީސް އާއި ރައްޔިތުންނަށް

ކޮވިޑުގެ ދަތި ހާލަތުގައި ވެސް ރާއްޖޭގައި ހުންނަ ފޮރިން މިނިސްޓްރީ އިމާރާތް އަލުން މަރާމާތުކޮށް ނިންމުމާއި ގުޅިގެން، ޗައިނާގެ ރައީސް އަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލު ބިލްޑިންގް ގެ ނަމަށް ބަދަލުކޮށް މިއަދު އެ އިމާރާތް ރަސްމީކޮށް އަލުން ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، 2005 ވަނަ އަހަރު އެ ރީތި އިމާރާތް ބިނާކޮށްދީފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުން ފެށިގެން ވެސް އެ އިމާރާތް މަރާމާތު ކޮށްދީފައިވަނީ ޗައިނާ ސަރުކާރުގެ ދީލަތި އެހީގެ ދަށުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި ޗައިނާގެ ރައީސާއި އެގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ އެންމެ ދަތި ދުވަސްތަކުގައި ވެސް މި އިމާރާތުގެ މަސައްކަތް މެދުކެނޑުނަނުދީ ފުރިހަމަ ކުރުމަށް ރާއްޖޭގައި ހުންނެވި ޗައިނާގެ ސަފީރު ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވައި ސަމާލުކަމެއް ދެއްވި. އެކަމަށްޓަކައި އެ މަގާމުގައި އޭރު ހުންނެވި ސަފީރު ޖަންގް ލިޒޯންގްއަށާއި އެމްބަސީގެ ހުރިހާ މުވައްޒިފުންނަށް އަދި ޗައިނާގެ ސަންހައި ކޮންސްޓްރެކްޝަން ގުރޫޕަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.