އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، 2026 ވަނަ އަހަރާ ހަމައަށް ކްލަބުގައި މަޑުކުރާ ގޮތަށް އަލުން އެއްބަސްވުމުގައި ސޮއިކުރަން ނިންމައިފިއެވެ.

މެސީ ބާސާގައި މަޑުކުރަން ނިންމާފައި ވަނީ ބޮޑުތަނުން މުސާރަ ކުޑަކުރަން އެއްބަސްވެގެންނެވެ. އެފަދަ ގޮތަކަށް މެސީގެ މުސާރަ ކުޑަކޮށްފައި ވަނީ ލަލީގާގެ ސެލެރީ ކެޕަށް މުސާރަ ފިޓް ކުރުމަށެވެ. އަދި ބާސާއިން ވަނީ މެސީގެ މުސާރައަށް ފުރުސަތު ހޯދުމުގެ ގޮތުން ބައެއް ކުޅުންތެރިން ކްލަބު ދޫކޮށްލަންދެން ކޮންޓްރެކްޓް ވާހަކަތައް މަޑުޖައްސާލައިފައެވެ.

އުމުރުން 34 އަހަރު މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު، މިދިޔަ ޖޫން މަހަށް ވަނީ ހަމަވެފައެވެ. މިވަގުތު އޭނާ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުން ފްރީ އެޖެންޓެއްގެ ގޮތުގައި މެސީ ހުރި ނަމަވެސް ބާސާ ނޫން އެހެން ކްލަބަކަށް އޭނާ ނުދާނެ ކަމަށް މާ ކުރިންވެސް އޮތީ ނިންމާފައެވެ.

އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށް މިހާރު ޗުއްޓީގައި ހުރި މެސީއާއެކު ބާސާއިން ކޮންޓްރެކްޓްގައި ސޮއިކުރާނީ ކުރިއަށް އޮތް ހަފުތާފައި ކަމަށް ބެލެވެއެވެ. ކޮންޓްރެކްޓްގައި ބައެއް ކުދިކުދި ކަންކަން ނިންމަން ހުރުމާއެކު އަދި ދެތިން ދުވަސް ނަގާނެ ކަމަށްވެސް ބެލެވެއެވެ. މެސީއަށް މިދިޔަ ސީޒަންގައި ބާސާއިން 123 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ދިން ކަމަށް ނޫސްތަކުން ބުނެއެވެ. މިހާރުގެ މުސާރައިގެ ރަސްމީ އަދަދު އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.