އިއްޒުއްދީން ސްކޫލް

އިއްޒުންދީން ސްކޫލްގެ ހަތަރު ޓީޗަރުން ބަދަލުކުރުމާ ޖިންސީ ގޯނާގެ މައްސަލައާ ގުޅުމެއް ނެތް: އެޑިއުކޭޝަން

މާލޭގެ އިއްޒުއްދީން ސްކޫލްގެ ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލުކުރީ މި އަހަރުގެ ކުރީކޮޅު އެ ސްކޫލްގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާދިނުމާ ގުޅިގެން އެ ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ހަތަރު ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރުމުގެ ކުރިން ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެ ރިވުއުއަށް ބެލުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސުކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީއަށް ހުށަހެޅި ކަމަށެވެ.

އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވެފައި ވަނިކޮށް އިއްޒުއްދީން ސްކޫލަށް ވުރެ ބޮޑު ސްކޫލަކަށް ނަސީރު ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

އެ ޖަމިއްޔާ އިން ބުނީ އެކަމަކީ އޭގެ ޒާތުގައި ފިޔަވަޅަކަށް ވުރެ ބޮޑަށް ޕްރޮމޯޝަނެއް ކަމަށް ސިފަވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި އެކަން ދޮގުކޮށްފައެއް ނުވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެ މިނިސްޓްރީން ހަމައެކަނި ބުނީ ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމި ނިންމުމާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސް ކަމާއެކު ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އަދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ބަޔާންތަކުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މައުލޫމާތު ހިމަނާފައި ވާތީ އެކަން މި މިނިސްޓްރީން ކުށްވެރި ކުރަމެވެ. އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަގީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް އިލްތިމާސްކުރަމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.