އިއްޒުއްދީން ސްކޫލު ހިންގަމުންދާ ކުރީގެ އެމްއީއެސް އިމާރާތް ބޭނުންކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ކުރިން މަންދު ކޮލެޖު ހިންގި ކުރީގެ އެމްއީއެސް އިމާރާތް މަންދު ކޮލެޖު ހިންގާ މާލެ ހައި ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު އެތަން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކުރިން އޮތީ ނިންމައިފައެވެ. އެހެންވެ، އެ އިމާރާތް އަލުން ހޯދުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެތަން އެ ކުންފުންޏާ ހަވާލު ނުކުރެވޭނެ ކަމަށެވެ.

މާލެ ހައި ޕްރައިވެޓް ލިމިޓެޑަކީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބްރާ)ގެ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ.

އެމްސީއެސް ހިންގި އިމާރާތުގައި އިއްޒުއްދީން ސްކޫލު ހިންގަން ފެށީ 2019 ވަނަ އަހަރުއެވެ.

އެމްއީއެސް ހިންގި އިމާރާތް އަލުން މާލޭ ހައި ކުންފުންޏާ ހަވާލުނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ ކުންފުނިން ހައި ކޯޓުގައި ވަނީ އެ މައްސަލަ ނިމެންދެން އެ އިމާރާތް އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށާއި އަދި އިއްޒުއްދީން ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން އިތުރު ދަރިވަރުން އެންރޯލް ނުކުރުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ ނިންމި ނިންމުމުގައި ބުނީ، އެ އިމާރާތް ބޭނުންކުރުމުގެ އަމުރެއް ނެރެފިނަމަ، އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭނެ ގެއްލުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ.

ކުރީގެ އެމްއީއޭސް ސްކޫލު ހުރި ބިމުން، ޝަރީއަތުގެ އަމުރެއް ނެތި މަންދު ކޮލެޖު ބޭރުކޮށްލުމުން ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މީގެ ކުރިންވެސް ދީފައިވެއެވެ.