ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ އެ ރަށު ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް މިހާރު ނިމިއްޖެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.