މެއި މަހުގެ ތެރޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުން ދެވަނަ ޑޯޒް ޖެހުމަށް މިހާރު ބުކިން ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މިދިޔަ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.
ނަމަވެސް ކޮވިޝީލްޑުގެ އިތުރު ޝިޕްމެންޓެއް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އަނެއްކާވެސް ވަނީ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފައެވެ. 60،000 ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ހެޔޮ އެދޭ ފަރާތަކުންނެވެ. މިހާރު ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒް ޖަހައިދެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.
އެޗްޕީއޭއިން މިރޭ ބުނީ މެއި މަހު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުން book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ވަގުތަށް ނާދެވިއްޖެ ނަމަ ބުކިން ކެންސަލްވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޕޮއިންމަންޓް ހެއްދުމަށް އެހީތެރިކަން ބޭނުންވާ ނަމަ 1676 އަށް ގުޅުމަށް ވެސް އެޗްޕީއޭއިން އެދެއެވެ.
ކޮވިޝީލްޑްގެ އިތުރު ވެކްސިން ލިބިފައިވާ އިރު، މި މަހުގެ 20ގެ ކުރިން އެސްޓްރާޒެނެކާގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދެމުން އަންނަނީ ކޮވިޑްގެ ތިން ވެކްސިނެކެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ފައިޒާގެ އިތުރުން ސިނޮފާމް ވެކްސިނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި 319،712 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވެއެވެ. އަދި ދެވަނަ ޑޯޒް 246،841 މީހުން ޖަހާފައިވެއެވެ. ކޮވިޑް ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ 50 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު