ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވައިލި، އިންކުއަރީ ރިޕޯޓުގެ ކޮޕީއެއް ރައީސް ނަޝީދުގެ އާއިލާއަށް އަރުވައިފިއެވެ.
އެމްޑީޕީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅޭގޮތުން ހިންގާފައިވާ ސެކިއުރިޓީ ބްރީޗުތައް ދެނެގަނެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓުގެ ކޮޕީއެއް އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދުގެ އާއިލާއަށް އަރުވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމި ގޮތުގެ ރިޕޯޓު ދައުލަތުގެ ތިން ބާރަށް މީގެ ކުރިން ވަނީ އަރުވައިފައެވެ.
މަހެއްހައި ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އާންމުކުރި އެ ރިޕޯޓުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ބައިތައް އުނިކުރި ނަމަވެސް އެ ބައިތައް ވަނީ އާންމުވެފައެވެ. އަދި ތިން ބާރުގެ ވެރީންނަށް ރިޕޯޓު އަރުވާފައިވަނީ އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި ހުރިހާ ލިޔެކިޔުންތަކަކާ އެކު ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމުތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު