ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯދީއާ ފޯނުން ގުޅުއްވައި ކޮވިޑާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއަށް ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމާ ގުޅުން ހުރި މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދެ ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ރާއްޖެއަށް ދެއްވާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ވެސް ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހު އަރިހުން އޮޅުއްފިލުއްވާފަ އެވެ.

މީގެއިތުރުން އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންފައިވާތީ ބޮޑުވަޒީރު މޯދީ ވަނީ މަރުހަބާ ދަންނަވާފައެވެ.